|
ޢާންމު
ދިރިއުޅުމުގައި އަޅުގަނޑުމެން ދައްކާ ކޮންމެ
ވާހަކައަކީ ކޮންމެވެސް ގޮތަކުން އިގްތިސާދާ ގުޅުން
ހުރި ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ކޮންމެ
އަމަލަކުންވެސް އިގްތިސާދަށް އަސަރުތަކެއް
ކުރެއެވެ. މުއްސަދި، ފުދުންތެރި ގައުމެކޭ، ނުވަތަ
ފަގީރު ގައުމެކޭ ތަފާތެއް ނެތި ގިނަ ގައުމުތަކަކީ
އިގްތިސާދީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ
ގައުމުތަކެކެވެ. ބޭރުގެ އެހީއަށް ބަރޯސާވެގެން
ގިނަ ގައުމުތަކުން އިޤްތިޞާދު ބައްޓަންކުރަން
މަސައްކަތްކުރާއިރު، ދުނިޔޭގެ އާބާދީގެ ބޮޑު
ބަޔަކީ ފަޤީރުން ކަމުގައި ބަލާ މިންގަނޑުގައި
ހިމެނޭ މީހުންނެވެ. ނަމަވެސް މިގޮތަށް ބޭރުގެ
އެހީތަކަށް ބަރޯސާވުމުގެ ސަބަބުން ފޮއި ވެއްޓެނީ
ރިހޭ ފައިމައްޗަށެވެ. އެހެންޏާ ދައްކަންނުޖެހޭ
ފައިސާއެއް އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހި،
މައްސަލަތައް ވަނީ ގޯހެވެ. މައްސަލަތައް ވަނީ
އިތުރެވެ.
ތަރައްޤީވެފައިވާ ޤައުމަކަށް ވިޔަސް ނުވިޔަސް،
އިޤްތިޞާދީ ޙާލަތުން މީހުންނަށް ވަރަށް ބޮޑަށް
އަސަރުކުރެއެވެ. މުދަލުން އިސްރާފުކުރުމާއި
ގުދުރަތީ ސަބަބުތަކުން މުދާ ހަލާކުވެ ދިޔުމަކީ
ފަގީރުކަމަށް މަގުފަހިވާ ސަބަބުތަކެވެ. ޟަރޫރީ
ބޭނުންތައް ނުފުއްދިގެން، އެއްބަޔަކު އަނެއްބަޔަކާ
ތަޅައިފޮޅުމަކީ ގިނަ މުޖްތަމަޢުތަކުގައި ޢާއްމު
ކަމެކެވެ. އެތައް ރިޕޯޓްތަކެއް ތައްޔާރުކުރެވި،
ހޯދުންތަކެއް ހޯދައި، މީހުން ހޭލުންތެރިކުރުމަށް
އެތައް ސެމިނާރތަކެއް ބާއްވަމުން ދާއިރުވެސް
އިންސާނުންނަށް ދިމާވެފައިވާ މައްސަލަތައް
ދުވަހުން ދުވަހަށް ދަނީ އިތުވަމުންނެވެ.
ވަޒީފާ
ނުލިބުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ
ކަންކޮޅުތަކެއްގައިވެސް އާއްމު އިޖްތިމާއީ
މައްސަލައެކެވެ. ވަޒީފާއެއްގައި އުޅުނަސް، އެ
މީހުންނަށް ލިބޭ މުސާރައަކީ ދިރިއުޅުން ރަނގަޅު
ފެންވަރެއްގައި ބެހެއްޓޭނެ ވަރުގެ މުސާރައަކަށް
ނުވެއެވެ. ކިތައްމެ މުސާރަ ކުޑަ ނަމަވެސް،
އިއުލާނުކުރާ އާދައިގެ ވަޒީފާއަކަށްވެސް އެތައް
ސަތޭކަ ބަޔަކު ކުރިމަތިލައެވެ. އެތައް އޮފީހަކަށް
އެއް ފަހަރާ ސިޓީލަމުން ވަޒީފާއެއް ލިބޭތޯ އުޅޭ
މީހުން މަދެއް ނޫނެވެ. މިހިސާބުން އުފެދޭ ސުވާލަކީ
މި މައްސަލަތަކުގެ ޙައްލަކީ ކޮބައިބާއެވެ؟ މި
މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތުން
އެދެވޭ ނަތީޖާއެއް ނުފެންނަނީ ކީއްވެބާއެވެ؟
އިގްތިސާދީ ތަރައްގީއާ، އުފެއްދުންތެރިކަމާއި،
ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ގާބިލު
މަސައްކަތްތެރީންތަކެއް ލިބިގެންވުމަކީ އިގްތިސާދު
ހަރުދަނާވުމަށް މުހިންމު ކަންތައްތަކެކެވެ.
ނަމަވެސް، ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި 820
މިލިޔަން މީހުން ވަޒީފާއެއް ހޯދުމަށް
އަތްފުނާއަޅަމުން އެބަދެއެވެ. އެހެން މީހަކަށް
ބަރޯސާވެގެން އުޅެން ޖެހިފައިވާ މީހުން
(މުސްކުޅިންނާއި ކުޑަކުދިން) މި ޢަދަދުގެ ތެރެއަށް
އެއްކޮށްލުމުން މި މައްސަލައިގެ އަބުއިކަން
އިތުރަށް ހާމަވެގެން ދާނެއެވެ.
މި
ޒަމާނުގައި އިގްތިސާދީ ނިޒާމު ބިނާވެފައި މިވަނީ
ބޭންކް އިންޓަރެސް އިގްތިސާދީ ނިޒާމުގެ ބައެއް
ކަމުގައި ވާ ފަދަ ގޮތަކަށެވެ. ވަކިން ޙާއްސަކޮށް
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގައި
މިއީ ކަން އޮތް ގޮތެވެ. ބޭންކުތަކުގައި ފައިސާ
ރައްކާކުރާ މީހުނަށް ދޭ ބޮޑު އިންޓަރެސްޓުގެ
ސަބަބުން މުޅި ގައުމުގެ އިގްތިސާދަށް ނޭދެވޭ
އަސަރުފޯރައެވެ. އެހެނީ އޭގެ ސަބަބުން ފައިދާހުރި،
އުފެއްދުންތެރި ކަންކަމަކަށް ފައިސާ ޚަރަދުކުރުގެ
ބަދަލުގައި އެ ފައިސާ ބަހެއްޓެނީ ބޭންކުގައެވެ.
މުދާހުރި ފައިސާވެރި ގިނަބަޔަކު މިގޮތަށް ލިބޭ
އިންޓަރެސްޓުން ދިރިއުޅުން ހަމަޖައްސަން ފެށުމުން
މުޅި މުޖުތަމުޢުގެ އުފެއްދުންތެރިކަން ދައްވެ،
ވަޒީފާގެ ފުރުސަތުތައް ހަނިވުމަކީ އެކަށީގެންވާ
ކަމެކެވެ. އެހެން ކަމުން ގައުމުގެ ދުވެލި
މަޑުޖެހެއެވެ. ނުވަތަ ހުއްޓި، ފަހަތަށް ޖެހެން
ފަށައެވެ.
"އަމިއްލަ
ވިޔަފާރިއެއް ފަށައި ވިސްނަންހުރުމުގެ ބަދަލުގައި
ޗުއްޓީ ހޭދަކޮށްލަންދޭ"، މިއީ މިފަދަ ނިޒާމުތައް
އޮންނަ ގައުމުތަކުގެ ނޫސްތަކުގައި ބޭންކުތަކުން
ޖަހާ އިޝްތިހާރުތައް ހުންނަ ގޮތެވެ. ދެލިގަނޑު
ކިޔާލުމުން ޝައުގުވެރިވެ ރަނގަޅޭ ހިވާފަދަ
ވިސްނުންތަކުގެ ސަބަބުން ގައުމަށް ލިބިދެނީ
މުއްސަނދިކަމުގެ ބަދަލުގައި ގެއްލުމާއި ހަލާކެވެ.
އުފެއްދުންތެރި ކަންތައްތަކަށް ޚަރަދުކުރުމުގެ
ވިސްނުން ނުގެންގުޅޭ ބަޔަކު އުޅޭ ކޮންމެ
އިގްތިސާދެއްވެސް އެވަނީ ހަލާކުގެ
ތުންފަތްމަތީގައެވެ. ބޭންކުގައި ރުފިޔާ
ޖަމާކޮށްފައި ބެހެއްޓުމުގެ ސަބަބުން އެއްޗިހީގެ
އަގު އުފުލޭގޮތް ވެއެވެ. އިގްތިސާދަށް
ފައިދާވާކަމެއް ނުކޮށް ޗުއްޓީއަށް ދިޔުމުގެ
ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ފަހުން ހަމަ
އެމީހުންނަށްވެސް ކުރެއެވެ. ބޭންކުތަކުގައި
ޖަމާކޮށްފައިވާ ރުފިޔާގެ އަގު ވެއްޓެމުން ދިޔުމުގެ
ސަބަބުންނެވެ.
އުފެއްދުންތެރި މަސައްކަތްތެރި މުޖުތަމައެއްނަމަ
އިގްތިސާދު ހަރުދަނާވެ އެންމެންނަށް އޭގެ ފައިދާ
ކުރެއެވެ. ހަމަޔަނީނުންވެސް އެއީ ﷲ އަންގަވާފައިވާ
ގޮތެވެ. އެކަލާނގެ އަންގަވަނީ އެންމެންނަށް
ފައިދާހުރި ގޮތުގައި މުދާ ހޭދަ ކުރުމަށެވެ. މުދާ
ހޭދަ ނުކޮށް ހިފަހައްޓާ މީހުންނަށް ވޭންދެނި
އަޒާބު ލިބޭނެ ކަމުގައި ތައުބާ ސޫރަތުގައި މާތް ﷲ
އަންގަވާފައިވެއެވެ.
"އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! (އަހުލުކިތާބުންގެ)
ބޮޑެތި ޢިލްމުވެރިންނާއި ރާހިބުންކުރެ ގިނަ
މީހުން، މީސްތަކުންގެ މުދައުތައް، ދޮގުވެރި
ބާޠިލުގޮތުގައި އެ ތިބެގެން ކައިލަނީއެވެ. އަދި
އެއުރެން ﷲގެ މަގުން މީސްތަކުން ދުރުކުރެތެވެ.
އަދި، (އޭ މުޙައްމަދު!) ޚަޒާނާގެ ގޮތުގައި
ރަންރިހި އެއްކޮށް ފުނިޖަހައި ފޮރުވައިގެން،
އެތަކެތި ﷲގެ މަގުގައި ހޭދަނުކޮށް، ތިބޭ މީހުން، -
ފަހެ، އެ މީހުންނަށް، ފިސާރި، ވޭންދެނިވި އަޒާބެއް
ލިބޭހުށިކަމުގެ ޚަބަރުދޭށެވެ!" (ސޫރަތުއްތައުބާ:
34)
ޤުރުއާނުގައި އަންގަވާފައިވާ އިރުޝާދުތަކުގެ
ބޭނުން ހިފައި، އެ އަމުރުފުޅުތަކަށް ތަބާވެގެން
ކަންތައް ކުރާ މީހުން އުޅޭ މުޖުތަމަޢެއް ނަމަ އެ
މުޖުތަމައެއް ދާނީ ކުރިއަށެވެ. ކީރިތި
ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައިވާ އެހެން
އާޔަތެއްގެ މާނައިގައި ވެއެވެ.
"ސޫދުކާ
މީހަކަށް، ޝައިޠާން، އޭނާ ބީހުމުން، ދަށްކޮށް،
ބުއްދި ޙައިރާންކޮށްލައިފައިވާ މީހަކު ކޮޅަށް
ތެދުވާ ފަދައަކުން މެނުވީ ތެދުވެ ކޮޅަކަށް
ނުހުރެވޭނެއެވެ. އެ ގޮތީ އެމީހުން (މިހެން) ބުނެ
އުޅޭކަމަށް ޓަކައެވެ. 'ވިޔަފާރިއަކީ
ހަމަގައިމުވެސް ސޫދުކަހަލަ އެއްޗެކެވެ.' ނަމަވެސް
، ﷲ، ވިޔަފާރިކުރުން ޙަލާލުކުރައްވައި ސޫދުކެއުން
ޙަރާމްކުރެއްވިއެވެ. މާތް ރަސްކަލާނގެ (މިކަމުގެ
މައްޗަށް) ގަދަ ނަސޭޙަތް ވަޙީކުރެއްވުމުން ،
ސޫދުކެއުން ހުއްޓާލައިފި މީހަކު، - ފަހެ، އެ
މީހަކުގެ ކިބައިން، ވެއަތުވެ ދިޔަ ތަނުގައި އިސްވެ
ދިޔަ ފާފަތައް ޢަފޫވީއެވެ. އަދި އެ މީހާގެ
މައްޗަށް (އާޚިރަތުގައި) ނިޔާކަނޑައަޅުއްވައި،
ނިންމެވުން ވަނީ ﷲއަށެވެ. ނަމަވެސް ސޫދުކެއުމަށް
އަލުން އެނބުރި އަރައިގެންފި މީހަކު – (ދަނެއު!) –
ފަހެ، އެކަހަލަ މީހުންނަކީ ނަރަކައިގެ
އަހުލުވެރީންނެވެ. އެތަނުގައި އެ މީހުން
ދެމިތިބޭނެތެވެ" (ސޫރަތުލްބަޤަރާ: 275)
މި އާޔަތާ
ޖެހިގެން ދެން އޮތް އާޔަތުގައި މާތް ﷲ އަންގަވަނީ
ރިބާގެ ސަބަބުން މުޖުތަމަޢަށް އެއްވެސް ފައިދާއެއް
ނުކުރާނެ ކަމަށެވެ. އެއްވެސް ކުރިއެރުމެއް ރިބާގެ
ސަބަބުން ނުލިބޭނެ ކަމަށެވެ.
"ސޫދުކެއުން، ހުރިހައި ބަރަކާތަކުން، ﷲ
މަޙުރޫމްކުރެއްވިއެވެ. އަދި ޞަދަޤާތްތެރިކަމުގައި
އެކަލާނގެ ބަރަކާތްލެއްވިއެވެ. އަދި، ﷲ އެއްވެސް
ކާފިރަކު، އަދި ފާފަވެރިޔަކު، ދެކެ،
ލޯބިވެވޮޑިނުގަންނަވަތެވެ." (ސޫރަތުލްބަޤަރާ:
276)
ކަނޑައެޅިފައިވާ ވަކި އުސޫލަކުން ވަކި ހަމައަކުން
އިޖުތިމާޢީ ހަޔާތުގެ ކަންތައްތައް ކުރުމަކީ
ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި
ވަރަށް މުހިންމު ކަމެކެވެ. އިޤްތިސީ
ކަންމުގައިވެސް ވަކި ހުދޫދެއްގެ ތެރޭގައި
ކަންތައްތައްކުރުމަކީ އެހާމެ މުހިންމު ކަމެކެވެ.
އީމާންވެގެންތިބޭ މީހުންނަކީ މައްސަލަތަކުގެ
ހައްލު ހޯދުމުގެ ޒިންމާ ނަގައިގެން ތިބޭ ބައެކެވެ.
މި ނަޒަރުން ވިސްނާއިރު، މައްސަލަތައް
ޙައްލުކުރަން ނޫޅެ، އެހެން މީހަކު މައްސަލަތައް
ޙައްލުކުރޭތޯ ބަލަން ހުރެ، ވަގުތު ބޭކާރު
ކޮށްލުމަކަށް ފުރުސަތެއް ނެތެވެ. އެހެނީ
މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެ
މައްސަލައެއް ޙައްލުކުރުމަކީ އީމާންވެގެން ހުރި
ކޮންމެ މީހެއްގެ ޒިންމާއެއްކަމުގައި މާތް ﷲ ވަނީ
އަންގާވާފައެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި
ދީނުގެ ވާހަކަ ގިނަ ގިނައިން ދައްކައި ދީނުގައި
އަންގަވާފައިވާ ގޮތަށް އުޅުމުގެ ފައިދާ
ގިނަގިނައިން ހަނދާންކުރުމަކީ ބޭނުންތެރި
ކަމެކެވެ.
ރިބާއާ
ޚިލާފަށް، މުދާ ހެޔޮގޮތުގައި ހޭދަކުރުމުން
ތިޔާގިކަން ލިބޭނެ ކަމަށް ހެޔޮހިތުން ގަބޫލުކުރާ
ބައެއް އުޅޭ މުޖުތަމައެއް ނަމަ މުހިންމު ބޭނުމެއް
ނެތި މުދާ ފޮރުވާފައި ބެހެއްޓުމުގެ ބަދަލުގައި
ހޭދަކުރުމަކަށް ފަހަކަށް ނުޖެހޭނެއެވެ. އަދި
މިކަމުގެ ފައިދާ މުޅި މުޖުތަމައުން ފެނިގެން
ދާނެއެވެ. އަދި ކީރިތި ޤުރުއާނުން ފިލާވަޅު ދީ،
ދީނީ ތައުލީމު ދޭނަމަ މިފަދަ މުޖުތަމައެއް
ބިނާކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް
ގަބޫލުކުރެވޭނެއެވެ.
މީގެ
އިތުރުން، ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ
އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރެވިފައިވާ
މުޖުތަމައެއްގައި މީހުން މަސައްކަތް ކުރާނީ
ހަމައެކަނި ތިމާގެ ފައިދާއަކަށް ނޫނެވެ. ނަމަވެސް
މުޅި މުޖުތަމަޢުގެ ލާބައަށެވެ. އެހެނީ،
އެކުވެރިކަމާއި، އެއްބައިވަންތަކަމާއި
އެހީތެރިކަމަކީ އިސްލާމްދީން ގޮވައިލާ ސިފަތަކެވެ.
އެކެއްގެ
ހައްގަށް އަނެކަކު އަރައިގަތުމަކީ އިސްލާމްދީން
މަނާކުރައްވާފައިވާ ކަމަކަށް ވީހިނދު އެފަދަ
ކަންކަމުން މީހުން ދުރުވެ ތިބެއެވެ. ގަނޫނާ
ޚިލާފަށް އެއްވެސް މީހެއްގެ މުދަލެއް ހޯދުމަށް
ނުވަތަ ހައްގަކަށް އަރައިގަތުމަކަށް
މަސައްކަތްކުރާ މީހެއް ނުހުންނާނެއެވެ. މިނެ
ކިރުމުގައި އޮޅުވާލައި މަކަރު ހަދާނެ މީހެއް
ނުހުންނާނެއެވެ. ﷲ އެންގެވި ގޮތަށް އުޅޭ ބައެއްގެ
ތެރޭގައި ބޭއިންސާފުން އެއްވެސް ކަމެއްވުމަށް
ޖާގައެއް ނޯންނާނެއެވެ. ނަތީޖާއެއްގެ ގޮތުން
ރިބާގެ ވިޔަފާރި ހުއްޓެއެވެ. މުއްސަދިން
ފަގީރުންނަށް ދަރަނި ދޫކޮށްފައި އިތުރަށް ހޯދާ
ބައި ހޯދުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަނެކާގެ
ބައި ނުހައްގުން ފޭރިގަތުމަށް މަސައްކަތެއް
ނުކުރާނެއެވެ.
އިސްލާމީ
އުސޫލުން ކަންތައްތައް ކުރާ މުޖުތަމައެއްގައި
ތަކެތި އިސްރާފުކުރުމެއް ނޯންނާނެއެވެ. މީހުން
ޚަރަދުކުރާނީ ބޭނުންވާވަރަށް، ބޭނުންތެރި
ކަންކަމުގައެވެ. އެއްބައިވަންތަކަމާއި ޢަދުލު
އިންސާފު އޮތުމުން ދިރިއުޅުމުގެ ފެންވަރު
ހިފެހެއްޓިފައި ހުންނާނީ މަތީގައެވެ. ފުރަތަމަ
އިސްލާމީ މުޖުތަމައުގައި ކީރިތި ޤުރުއާނާއި
ސުންނަތުގައި ހިފަހައްޓައިގެން ތިބެ ހުރިހާ ކަމެއް
ކުރަމުން ގެންދިޔުމުން މުސްލިމުން ވެގެން ދިޔައީ
އެންމެ ފުދުންތެރި މީހުން ކަމުގައެވެ. ޒަކާތުން
ލިބޭ އެއްޗެއް ބޭނުންކުރާނެ މީހުން ނެތި ދިޔައެވެ.
ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން މުސްލިމުން
ކުރިއަރައި ދިޔައެވެ. އެއީ އެންމެން ބަލައި،
ޢިބްރަތް ލިބިގަންނަންވީ ރަނގަޅު ނަމޫނާއެކެވެ.
|