|
"ރިއަލިޓީމޯލްޑިވްސް"އަކީ ތިޔަ ބޭފުޅުންނަށް އާ
ނަމަކަށް ނުވެ ހިނގައިދާނެއެވެ. އެކަމަކު
އަޅުގަނޑުމެން މިފެށީ ވަރަށް އާ ކަމެކެވެ. މިއީ
ޢިލްމީ ޙަރަކާތެކެވެ. އާދޭހެވެ! "ރިއަލިޓީ
މޯލްޑިވްސް" އަކީ ކުރިން ސިޔާސީ ވެބްސައިޓެކެވެ.
ނަމަވެސް 2008 ވަނަ އަހަރު ޖެނުއަރީ 1 ން ފެށިގެން
މިއީ ޢިލްމީ މަޖައްލާއެކެވެ. މުޅިން އާ ބަޔަކު އާ
ފަލްސަފާއެއްގެ ދަށުން ފަށާ ޢިލްމީ ޙަރަކާތެކެވެ.
މި
މަޖައްލާ ޖެނުއަރީ 1 ގައި ޝާއިޢުކުރަން ނުފެށުނީ
މެނެޖްމަންޓް ބަދަލުކުރުމުގައި ދިމާވި
ދަތިތަކެއްގެ ސަބަބުންނެވެ. ޓެކްނޮލޮޖީ
ބަދަލުކުރުމުގައި ދިމާވި މައްސަލައެއްގެ
ސަބަބުންނެވެ. މިކަމަށްޓަކައި ނިހާޔަތަށް މަޢާފަށް
އެދެމެވެ. އިރާދަކުރެއްވިއްޔާ މީގެ ފަހުން ކޮންމެ
އާދީއްތަ ދުވަހަކު މި މަޖައްލާ އިންޓަރނެޓްގައި
ޝާއިޢުކުރެވޭނެއެވެ. އަދި މުޅިން އާ
ފަރުމާއެއްގައި މި މަޖައްލާ ފެބްރުއަރީ މެދެއްހާ
ތާގައި ޝާއިޢުކުރެވޭނެއެވެ.
އަޅުގަނޑުމެންގެ މި މަޖައްލާއަކީ ދިވެހި ރާއްޖޭގެ
މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮރމޭޝަން
އެންޑް އާޓްސް ގައި އިންޓަރނެޓް މަޖައްލާއެއްގެ
ގޮތަށް ރަޖިސްޓަރީކޮށްގެން ފުރަތަމަ ހިންގާ
މަޖައްލާއެވެ. މިއީ ޤާނޫނީ ޙައިސިއްޔަތު
ލިބިފައިވާ މަޖައްލާއެކެވެ.
ރިއަލިޓީމޯލްޑިވްސްގެ މައިގަނޑު މަޤްޞަދަކީ ދީނީ،
އިޖްތިމާޢީ، ސަޤާފީ، އަދަބީ، ބަހަވީ، ތާރީޚީ، އަދި
ޢިލްމީ މަޢުލޫމާތުތައް ދިވެހި ރާއްޖޭގެ ލޮބުވެތި
ރައްޔިތުނަން ފޯރުކޮށްދީ މި ހުރިހައި ދާއިރާއަކުން
ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ވަކިން
ޚާއްޞަކޮށް މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ
ދިރާސާ ތަކުގައި ޙަވާލާ ދޭނެ އިތުބާރު ހުރި
ލިޔުންތަކެއް ހުށަހަޅައިދިނުމެވެ. މީގެ އިތުރުން
ރާއްޖޭގައި ހިނގާ މުހިއްމު ބައެއް ކަންކަމުގެ
މަޢުލޫމާތުވެސް ދޭތެރެ ދޭތެރެއިން
ހުށަހަޅައިދިނުމަކީވެސް އަޅުގަނޑުމެންގެ
މަޤްޞަދެކެވެ.
މި
މަޖައްލާގައި ލިޔުންތައް ހިމެނުއްވުމުގެ ފުރުޞަތު
ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަނީ
ހުޅުވައިލެވިފައެވެ.
ކީރިތި
ވަންތަ މާތް ﷲ، އަޅުގަނޑުމެން މި ފަށާ
މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމުގައި
ލައްވައި މި މަސައްކަތުގެ ފައިދާ މުޅި ދިވެހި
އުންމަތަށް މިންވަރުކޮށްދެއްވާށި އެވެ!
13
ޖެނުއަރީ 2008
އެޑިޓަރ،
ރިއަލިޓީމޯލްޑިވްސް
|