|
ފަގީރުންނަކީ
ކޮބައި ބާއެވެ. ފަގީރެކޭ ބުނެވޭނީ ކޮންކޮން
ސިފަތަކެއް ހުރުމުން ބާއެވެ. މީހާގެ ފަގީރުކަމަކީ
އެމީހެއްގެ މުސާރައަށް ބަލާފައި ކަނޑައެޅިދާނެ
އެއްޗެއް ބާއެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެއްސޭ
ކޮންމެ މީހަކީ ފަގީރެއް ބާއެވެ. ބޭސްފަރުވާއެއް
ކުރަން ޖެހިއްޖެނަމަ ސަރުކާރުން އެހީއަކަށް އެދެން
ޖެހުމަކީ ފަގީރުކަން ދައްކައިދޭ ކަމެއް ބާއެވެ.
މަސް ނިމޭއިރު އަތުގައި ބޮޑުލާރިއެއްވެސް ނެތިގެން
ރައްޓެއްސެއްއަތުން ފައިސާ ނަގަން ޖެހޭނަމަ
އެކަމުން އެދައްކައިދެނީ ފަގީރުކަން ބާއެވެ.
ނޫނެކެވެ. ލިބޭ
އާމްދަނީއަށް ނުކަތާ ވަރަށް މުހިންމު ނޫން
ޚަރަދުތައްކޮށް، މުހިންމު ކަމެއް ޖެހުމުން
އެކަމެއް ކުރާނެ ރުފިޔާ ނެތުމަކީ
ފަޤީރުކަމެއް ނޫނެވެ. ބިމުގެ ކުލި
ކިތަންމެ ބޮޑަސް، ތަކެތީގެ އަގު ކިތަންމެ
ބޮޑަސް، މީހުންގެ ދިރިއުޅުމުގެ
ވައްޓަފާޅިއަށް ބަދަލު ނާންނަ ކަމީ ލިބޭ
އާމްދަނީއިން ފުދޭކަން
ދައްކައިދޭކަމެކެވެ. ނުވަތަ ފުއްދަން
ނޫޅޭކަން ދައްކައިދޭކަމެކެވެ. އަޅުގަނޑުގެ މި ބަހުގެ
ތެދުކަން އެންމެ ރަނގަޅަށް
ފެންނިވަޑައިގަންނަވާނީ ރެސްޓޯރަންޓަކަށް
ނަޒަރު ހިންގަވައިލެއްވުމުންނެވެ. ހެދި
ގޮނޑުދޮށުގައި ހުރިތަނަކަސް، އަލިމަސް
ކާނިވާލު ސަރަޙައްދުގައި ހުރި ތަނަކަސް،
ނޫނީ މާލޭ މެދުގައި ހުރި ތަނަކަސް ހަވީރު
ފިނި ޖެހުމުން ފެށިގެން އެ
ރެސްޓޯރަންޓްތައް ބަންދުކުރަންދެއް އެ
ތަންތަން އޮންނަނީ ފުރި ބާރުވެފައެވެ.
ކައި (ބޮއި) ނިމިގެން ތެދުވާނެ މީހެއް
ހުރިތޯ ބަލަބަލައި އެތައްބަޔަކު
ކިޔޫގައިވެސް ތިބެއެވެ. މީ ދޮގެއްތޯ
ބައްލަވާލައްވަން އެ ސަރަޙައްދުގެ
ރެސްޓޯރަންޓްއަކަށް
ވަޑައިގެންބައްލަވާށެވެ.
ޢާއްމުކޮށް
(އެވްރެޖްކޮށް) ކޮންމެ މީހަކަށް -/50
ރުފިޔާ ދާނެކަމަށް ލަފާކުރެވެ އެވެ.
ބައެއް މީހުންނަކީ ހަމަ ކޮންމެކޮންމެ
ދުވަހަކު ވަކި ހާއްސަ އެއްޗެއް ކެއުމަށް
ރެސްޓޯރަންޓް އަކަށް ގޮސްނުލައި
ލޮލުފިޔަވެސް ނުޖޭ މީހުންނެވެ.
އަޅުގަނޑުވެސް
އެއްބަހެވެ. ކޮންމެ މީހަކުވެސް ކާން
ޖެހޭނެއެވެ. ބޯންޖެހޭނެއެވެ. ނަމަވެސް
މިއަށްވުރެ އަގު ހެޔޮ ގޮތްތައް ހުއްޓައި
ޢާއްމު ކަމެއްގެ ގޮތުގައި މިގޮތަށް ފައިސާ
ޚަރަދުކުރާނީ ލިބޭ ފައިސާއިން ފުދޭތީއެވެ.
ނުވަތަ ފުއްދަން ބޭނުން ނުވާތީއެވެ.
50 ގޮނޑީ ހުންނަ
ރެސްޓޯރަންޓްއެއްނަމަ، އަދި ކެއުމަށް
ކޮންމެ މީހެއް ހޭދަ ކުރަނީ 1 ގަޑި އިރު
ކަމުގައިވާނަމަ، ހަވީރު ފިނި ޖެހުމުން
ފެށިގެން 5 ގަޑިއިރު، އެ ރެސްޓޯރަންޓް
ފުރިފައިވާނަމަ، -/12500 ރުފިޔާ އެ 5 ގަޑި
އިރުގެ ތެރޭގައި އެތަނަށް އެބަ ލިބެއެވެ.
އެއީ މަހެއްގެ މައްޗަށް 3 ލައްކަ 75 ހާސް
ރުފިޔާއެވެ. ހަމަ. މި "ފަޤީރުން" އަތުން
ނިކުމެފައިވާ ރުފިޔާއެވެ. މީއީ އެންމެ
ރެސްޓޯރަންޓް އެއްގެ އަންދާސާއެވެ. ހުރިހާ
ރެސްޓޯރަންޓް އެއްކޮށް ޖުމްލަކޮށްލާނަމަ،
ހަމަ އެކަނި ރެސްޓޯރަންޓުން ކެއުމުގެ
ޚަރަދަށް ދާ ފައިސާވެސް ބިލިޔަނުން
ގުނާލެވޭނެއެވެ.
ދެން ވިސްނާލަން އޮތީ
އެއްގަމުގައި ދަތުރުފަތުރު ކުރުމަށެވެ.
ރާއްޖޭގެ ރަށްތަކަކީ ކުދި ރައްތަކެކެވެ.
ވެރިކަން ކުރާ މާލޭގައިވެސް 3 ކިލޯމީޓަރު
ހަމަ ނުވެއެވެ. 20 މިނެޓުން ހިނގާފައި
ނުދެވޭ ހިސާބެއް މާލެއަކު ނެތެވެ.
ނަމަވެސް މި ކުޑަކުޑަ ތަންކޮޅުގައިވެސް
ޓެކްސީއެއްގައި ނޫނީ ތަނަކަށްނުދެވޭ
މީހުން މަދެއް ނޫނެވެ. ޓެކްސީގެ އަގު
ބޮޑުކުރުމުންވެސް، ފައިސާ ނެތިގެން
ޓެކްސީއަށް އަރާ މީހުން މަދެއް ނުވެއެވެ.
ކޮންމެ ދުވަހަކު ބަރާބަރަށް ޓެކްސީގައި
އޮފީހަށްގޮސް، ޓެކްސީގައި ގެއަށް އަންނަ
މީހުންވެސް ބައިވަރެވެ. މަހެއްގައި
އޮންނަނީ ބަންދުނޫން 22 ދުވަސް ކަމަށް
ވާނަމަ ޓެކްސީން އޮފީހަށް ގޮސް ގެއަށް
އައުމަށް އެދަނީވެސް ގާތްގަނޑަކަށް -/900
ރުފިޔާއެވެ.
މީގެ އިތުރުން ވަޒީފާއަށް
ވަނުމާއެކު ސައިކަލެއް ހޯދުމަކީވެސް
ކޮންމެހެން ކުރަންޖެހޭ ކަމަކަށް މިހާރު މި
އޮތީ މުޖުތަމަޢު ގަބޫލުކޮށްފައެވެ.
އެއްފަހަރާ ފައިސާދައްކާނަމަ،
ސައިކަލެއްގެ އަގަކީ ގާތްގަނޑަކަށް
-/42000 ރުފިޔާއެވެ. އަދި
އިންސްޓޯލްމަންޓްއަށް ނަގާނަމަ -/53000
ރުފިޔާއެވެ. އަދި ދުވަހުން ދުވަހަށް
އަޅަންޖެހޭ ޕެޓްރޯލް ކޮބައިތޯއެވެ؟
ކިރިޔާވެސް ދުއްވާނަމަ -/10 ރުފިޔާގެ
ޕެޓްރޯލް ކޮންމެ ދުވަހަކުވެސް އޮންނާނީ
އަޅަންޖެހިފައެވެ.
ދިވެހިންނަކީ އެހާ ފަގީރު
ބައެއްނަމަ، ދިވެހިން އަތުގައި
ޚަރަދުކުރާނެ ފައިސާ ނެތްނަމަ، ސައިކަލެއް
ގަތުމަކީ އެއްވެސް މީހަކު ކުރާނެ
ކަމެއްވެސް ނޫނެވެ. ސަބަބަކީ، މިއީ ދާން
އޮންނަ ގަޑިއަކަށް ދެވޭހާއިރު ކޮޅެއް
ލާފައިފައި ގެއިން ނިކުތުމުން ޙައްލު
ކުރެވޭނެ ކަމެކެވެ.
މޯބައިލު ފޯނަށް
ބަލާލިޔަސް ފެންނަނީ މި މަންޒަރެވެ.
ޖީބުގައި އޮންނަންޖެހެނީ އެންމެ ފަހުގެ
އެންމެ މޮޅު ފޯނެވެ. ބާޒާރަށް ފޯނެއް
ނިކުމެއްޖެ ނަމަ އެ ފޯނެއް ދިވެހީން
ހޯދަން ޖެހެއެވެ. ބައެއް މީހުން
ބުނާގޮތުންނަމަ، ދުނިޔޭގެ މާކެޓަށް ވަކި
މޮޑެލެއް ނިކުތުމުގެ ކުރިން އެ މޮޑެލެއް
ރާއްޖޭގެ މާކެޓަށް އާދެއެވެ. މިއިން
އަޅުގަނޑަށް ދޭހަވަނީ އާ ފޯނެއް
ނެރެފިނަމަ، ދިވެހިން އެ ފޯނެއް
ގަންނަލެއް އަވަސް ކަމެވެ. އެންމެ ފަހުގެ
ފޯނު ކޮންމެ ތާކުން ހޯދައިގެންނަމަވެސް
ދިވެހިން ބޭނުންވާކަމެވެ. އޭޝިޔާ
ސަރަހައްދަށް ނުނެރޭ ފޯނެއް (މޮޑެލެއް)
ނަމަ، އެ އެމެރިކާއިން ނަމަވެސް
ހޯދައިގެން ބޭނުން ކުރަން ޖެހޭކަމެވެ.
މި ދެންނެވުނީ ހަމަ
އެކަނި ފޯނުގެ ވާހަކައެވެ. ކޮންމެ
ފޯނަކީވެސް ގަތުމަށްފަހު ސިމެއް އޮންނާނެ
ފޯނެކެވެ. އެހެންކަމަށް ވާނަމަ އެ ފޯނު
ބިލަކީ އަދި އިތުރަށް ދާ ފައިސާއެވެ. މުޅި
މި ސަރަހައްދުގެ ގައުމުތަކަށް
ބެލިނަމަވެސް، ރާއްޖެއަކީ ނިސްބަތުން
އެންމެ ގިނައިން ފޯނު ގެންގުޅޭ
ގައުމުކަމުގައިވާއިރު، ދިވެހިން އެހާ
ފަގީރުނަމަ އެއީ ކިހިނެއް ހޯދާ ފައިސާއެއް
ބާއެވެ.
އަމިއްލަ
އަތްފައިކޮށައިގެން ދަނޑުވެރިކަން ކުރި
ދަނޑުވެރިންނަކީ މިހާރު ހަމައެކަނި
ދަނޑުވެރިންނެއް ނޫނެވެ. އެއްވެސް
ޚަރަދެއް ނުކޮށް ދަނޑުން އާމްދަނީ ހޯދެން
އޮއްވައި، 3 ހަތަރު ބިދޭސީއަކަށް މުސާރަ
ދީގެން ހަމައެކަނި ސައިކަލުގައި ދަނޑު
ބަލައިލާން ދިޔުމަކީ މިހާރު ގިނަ
ދަނޑުވެރީންގެ އާދައެވެ. އެހެންވީމާ އެއީ
ޙަގީގީ ދަނޑުވެރިންގެ "ބޮޑު މީހާ" އެވެ.
ބިންވެރިންނެވެ. ހުރިހައި ދިމާއަކުންވެސް
ފެންނަނީ ފޯރުންތެރިކަމާއި
ފުދުންތެރިކަމުގެ ނިޝާންތަކެވެ. މީހުން
އަޅާ ހެދުމުންނެވެ. ކާކެއުމުންނެވެ.
އުފުލެމުންދާ ޢިމާރާތްތަކުންނެވެ.
އިތުރުވަމުން ގިނަވަމުން އަންނަ ބިދޭސީ
މަސައްކަތު މީހުންގެ
ތަފާސްހިސާބުތަކުންނެވެ.
ހަމަ ޔަގީނުންވެސް
ދިވެހިންނަކީ ވަގުންނެކޭ އަޅުގަނޑު
ނުދަންނަވާނަމެވެ. ދިވެހިން އެ ޚަރަދު
ކުރަނީ ހަމަ އެމީހުންނަށް ލިބޭ ލާރި
ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ކުރަން
ނުޖެހޭ މި ހުރިހާ ޚަރަދެއްކުރުމަށް ފަހު،
އަތުގައި ފައިސާނެތިގެން އެހީއަށް
އެދުމަކީ ފަގީރުވުމެއް ނޫނެވެ. އެއީ ލިބޭ
އާމްދަނީ ހެޔޮގޮތުގައި ބޭނުން ކުރަން
ނޭގުމެވެ. ސަލާމް ޖަހަން ޖެހޭނަމަ އެއީ
ލިބޭ އާމްދަނީން ދެކޮޅު ޖައްސަން
ބޭނުންނުވާކަމުގެ ހެއްކެކެވެ.
މާތް ﷲ އަޅުގަނޑުމެންނަށް
ދެއްވައިފައިވާ ތަނަވަސްކަން ޤަބޫލުނުކޮށް
އަމިއްލަޔަށް ނިކަމެތިވެގަނެގެން އުޅުމަކީ
ނިޢުމަތަށް ޝުކުރުވެރިވުންކަމަކަށް
ނުވާނެއެވެ. ނިޢުމަތްތަކަށް
ޝުކުރުވެރިނުވެ އުޅޭ މީހުންނަށް މާތް ﷲ
ވަނީ ވަޢީދުގެ ބަސްފުޅު
ވަޙީކުރައްވައިފައެވެ.
|