|
(އާރ.އެމްގެ މިދިޔަ ހަފުތާގެ
ޢަދަދާ ގުޅޭ)
ވެރިކަމަށް ހޮވަންޖެހޭނެ
ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭނެ ބައެއް ސިފަ
މިދިޔަ ހަފުތާގެ ޢަދަދުގައި އަޅުގަނޑުވާނީ
ލިޔެލާފައެވެ. އެ ލިޔުމުގައިވަނީ ވަކި ބޭފުޅެއްގެ
ކިބައިގައި ނެތް ސިފަތަކެއް ކަމެއްވާނަމަ އެ
ބޭފުޅަކު ދިފާޢު ނުކުރައްވައި އެ ބޭފުޅަކަށް ވޯޓު
ނުދެއްވާށެވެ! އަޅުގަނޑު މިހެން މި ދެންނެވީ އެ
ލިޔުން ވިދާޅުފައި ބައެއް ބޭފުޅުން އެއީ ވަކި
ބޭފުޅެއްގެ ކުފޫ ހަމަ ނުވާވާހަކަ ގެނެސް ދިނުމަށް
ޖެހި ލިޔުމެއް ކަމަށް ސިފަ ކުރައްވައި ކޮމެންޓް
ކުރައްވަމުން ގެންދަވާތީއެވެ. ނަމަވެސް
އަޅުގަނޑަށް ދެންނެވެން އޮތީ ހަމަ އެކަނި ޒުވާން
ބޭފުޅަކަށް ވާތީ، ނުވަތަ ޕީއެޗްޑީއެއް އޮތް
ބޭފުޅަކަށް ވާތީ އެއް، ވެރިކަމެއް ނުކުރެވޭނެއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ
ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމައި،
އެމެރިކާގައި އޮންނަ ފަދަ ނިޒާމަކާ ދިމާއަށް
ދިޔުމަށް މަސައްކަތް ކުރާއިރު، އެ ގައުމުގައި
ވެރިކަން ކުރެއްވި ބޭފުޅުންގެ ޢުމުރު ކިހާ
މުހިންމު ދައުރެއް އަދާކުރިތޯ ބަލައިލުން
މުހިންމެވެ. މިނަޒަރުން ވިސްނާލާނަމަ، ރާއްޖޭގައި
އުމުރުން 35 ކިރިޔާ ވާއިރަށް ބައެއް ބޭފުޅުން
ވެރިކަމާ ކުރިމަތިލެއްވުމަށް އުޅުއްވާ އިރު،
އެމެރިކާގައި އެންމެ ހަގު ބޭފުޅަކަށް ރައީސުކަން
ކުރައްވާފައި ވާނީވެސް 43 އަހަރުގެ ބޭފުޅެކެވެ.
އައީ ޖޯން އެފް. ކެނެޑީއެވެ. އަދި 77
އަހަރުފުޅުގައިވެސް ރޮންލްޑް ރޭގަން ރައީސުކަން
ކުރެއްވިއެވެ. އެހެންކަމުން މުސްކުޅިފުޅުކަމުން
ހިއްވަރުފުޅެއް ނުހުންނަވާނެ ކަމަށް،
ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް
ނުކުރެއްވޭނެ ކަމަށް ނުވަތަ ހަމަ ވިސްނުންފުޅު
ނުހުންނަވާނެ ކަމަށް ވިސްނެވުމަކީ ދުނިޔެއަށް
ލޯނުހުޅުވޭ ކަމުގެ ހެތްކެކެވެ. ބައެއް
ކެންޑިޑޭޓުން، އެ ބޭފުޅުންގެ ވާހަކަފުޅުތައް
ގަބޫލު ކުރައްވާނެ ކަމުގެ އުންމީދުގައި މި
މޭރުމުން ވާހަކަދައްކަވަމުން ވަޑައިގަންނަވާއިރު
މިއީ ޢާއްމުންނަށް ފެންނަންހުރި ހެކިތައްކަން
ނުދަންނަކަމީ އެ ބޭފުޅުން ގެ ތަސައްރަފު
ނުފުދޭކަމުގެ އަނެއް ހެތްކެވެ.
ވެރިއެއްގެ ކިބައިގައި
ހުންނަންޖެހޭނެ މުހިންމު ސިފަތައް ވަރަށް
ގިނައެވެ. ނަމަވެސް އަދި ދެ ކަމެއް ފާހަގަ
ކޮށްލާނަމެވެ.
ވާހަކަދެއްކުންތެރިކަން
ޕްރޮފެސަރ ނިޓިން ނޯރިއާ ވިދާޅުވާ
ގޮތުގައި ވެރިއެއްގެ އެންމެ މުހިންމު ދައުރަކީ
ކަންތައްތައް ކުރުވަން ޙަވާލުކޮށްފައި ތިބޭ
ބޭބޭފުޅުންނާ މުޢާމަލާތުކޮށް، އެ ބޭފުޅުންނަން
ދާންވީ މަގު ދައްކައިދީ، އެ މަގު
ފަހިކޮށްދިނުމެވެ. ކުރުކޮށް ދަންނަވާނަމަ ވާހަކަ
ދެއްކުންތެރިކަމެވެ. ރައްޔިތުންނާ މުޚާތަބުކޮށް
ކުރުކޮށް ފޮނިކޮށް ވާހަކަ ދައްކައިލެވުމަކީ،
ރައްޔިތުންގެ ހިތާ ވާހަކަ ދެއްކުން ފަދަ ކަމެކެވެ.
ރައްޔިތުންނަށް ކަންކަމުގެ އެތެރެ ހާމަވެ،
ރީއްޗަށް އެނގިގެންދާނެ ކަމެކެވެ.
އެހެންކަމުން، މިހާރު ވެރިކަމަށް
ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުންގެ
ތެރެއިން ރީތި ދިވެހި ބަހުން ވާހަކަފުޅު
ދައްކަވަން އެނގިވަޑައިގަންނަވަނީ ކިތައް
ބޭފުޅުންނަށްތޯ ވިސްނާލަން ޖެހެއެވެ. އިންސާނާގެ
ފިކުރާއި ޚިޔާލު ސިކުނޑީގައި އުފެދިގެން އަންނަނީ
އެ މީހެއްގެ މާދަރީ ބަހުން ކަމަށް ބަސްވާރުން
ހާމަކުރައްވާއިރު، އެ ބަހަކުން ކުށެއް ނެތި
ވާހަކަދައްކަން ނޭނގުމުގެ މާނައަކީ، ތިމާގެ
ޚިޔާލާއި ފިކުރު ފުރިހަމައަށް ހާމަކުރާންނޭނގޭކަން
އަމިއްލަޔަށް އިޢުލާންކުރުމެވެ.
ވާހަކަދެއްކުންތެރިކަމަކީ، އަދި ވާހަކަދެއްކުމުގެ
ބަސްމަގަކީ، އިޖްތިމާޢީ ހަމަޖެހުމަށް އެންމެ
މުހިއްމު އެއް ބަހާއެވެ. ދިވެހި ރާއްޖޭގެ އަގު
ހިފަހައްޓަވަން ބޭނުންފުޅުވާނަމަ. ރައްޔިތުންނާ
މުޚާޠަބުކުރެއްވުމަށް ސްޓޭޖަށް އަރުއްވާފައި
ބާޒާރުމަތީ ބަހުރުވައިން މުޚާތަބުކުރައްވަނީ
ކޮންކޮން ބޭފުޅުންނެއްތޯ ބައްލަވަން ޖެހެއެވެ.
ގައުމުގައި ކަންތައްތައް ވާނުވާގޮތް
އެނގިވަޑައިގަންނަވަން ބޭނުންފުޅުނަމަ، ސްޓޭޖަށް
އަރާވަޑައިގެންފައި ވާހަކަފުޅުދައްކަވަން
ކެރިވަޑައިނުގެން ފިއްލަވަނީ
ކޮންބޭފުޅުންނެއްތޯވެސް ވިސްނާލައްވަން ޖެހެއެވެ.
ރައްޔިތުންގެ ވެރިކަމެއް ކުރުން
ރާއްޖޭގެ ރައީސުކަން ހަވާލުކުރަން
ވިސްނާއިރު އެއީ ހުރިހާ އެންމެންނާ މެދު
އެއްގޮތަކަށް ވިސްނަވާނެ ބޭފުޅެއްތޯ ވިސްނަލުން
ވަރަށް މުހިންމެވެ. ވެރިކަމަށް ވަޑައިގެން އެ
ބޭފުޅެއްގެ އަތޮޅަށް އެކަނި އިސްކަންދެއްވާނަމަ
އެއީ އެންމެންގެ ވެރިއަކަށް ނުވެއެވެ.
މުޖުތަމަޢުގެ ވަކި ބަޔަކަށް ކުޑައިމީސް ބަސް
ބުނާނަމަ، އެފަދަ ބޭފަޅަކަށް އެންމެންގެ ފަރާތުން
ވެރިކަމެއް ނުވެސް ކުރެއްވޭނެއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ
ގުޅުމުގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި އެއް
ބޭފުޅަކު ވިދާޅުވިބަސްފުޅުތަކަށް ނަޒަރު
ހިންގާލާނަމެވެ. އެ ބޭފުޅަކު ވިދާޅުވީ މިއަދުގެ
ސަރުކާރު (ޑީއާރުޕީ) ބައިބައިވެގެން ދާނީ މަހަށްތޯ
ސުވާލު އެފެދޭ ކަމުގައެވެ. މިކަމުން މަސްވެރިންނާ
މެދު އެބޭފުޅެއްގެ ހިތްޕުޅުގައި އޮތް "ޤަދަރު"
ކިތަންމެ ރީރިކޮށްވެސް ހާމަވެއެވެ.
ދިވެހި ގައުމުގެ ލޭނާރު ކަމުގައިވާ
މަސްވެރިކަމުގައި އުޅުއްވާ ހީވާގި ރައްޔިތުންނަކީ
އެއްވެސް ބަޔެއް ނޫންކަމަށް ދޭހަވާ ފަދަ
ޢިބާރާތެއް ވެރިކަމަށް ކުރިމަތި ލައްވައިގެން
އުޅުއްވާ ބޭފުޅަކު ވިދާޅުވުމަކީ ވަރަށް ސީރިއަސް
މައްސަލައެކެވެ. މަހަށް ދިއުމަކީ ބައިބައިވެގެން،
ކުރާނެ އެއްވެސް ކަމެއް ނެތިގެން، ކުރެވޭނެ
އެއްވެސް ކަމެއް ނެތިގެން ކުރާކަމެއް ކަމަށް އެ
ބޭފުޅަކު ވިދާޅުވުމަކީ އޭނާއަށް ވެރިކަން
ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ލޭނާރު
ބުރުބުރިކޮށް ކޮށާލުމަށްވެސް ރަހުމެއް ނުހުނަނާނެ
ކަން ދައްކައިދޭ ކަމެކެވެ.
ނިންމާލަމުން އަޅުގަނޑު އަދި އެއް
ވާހަކައެއް ދަންނަވަން ތޯއެވެ. ރިޔާސީ
އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާކަން ދޭނެ
ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބެކެވެ.
އެއްވެސް ޙާލެއްގައި ވަކި ބޭފުޅަކު ރައީސުކަމުން
ދުރުކުރަންވީތޯ ނުވަތަ ނޫންތޯ ބަލަން ބާއްވާ
އެއްޗެއް ނޫނެވެ. އެހެންކަމުން ރަނގަޅު ބަދަލެއް
ނޫނީ ނުގެންނަވާށެވެ. ވިސްނަވާފައި ގައުމާއިގެން
ކުރިއަށް ދެވިދާނެ ބޭފުޅަކަށް ނޫނީ ވޯޓު
ނުދެއްވާށެވެ. ތިޔަ އުޅުއްވެނީ ތަވައެއްގެ
މަތީގައި ކަމަށް ހީފުޅުވާނަމަ، ތަވައިގެ މަތީގައި
ނުހުންނަވަން ވެގެން އުނދުނުގެ ތެރެއަށް ފުންމަވާ
ނުލައްވާށެވެ. ނުވަތަ އަނދަމުންދާ އަލިފާންގަނޑެއް
ނިއްވާލެއްވުމަށް އަލިފާންގަނޑަށް އިތުރަށް
ހިކިދަރު ނާޅުއްވާށެވެ!
-
ކޮންމެ ކޮންމެ މީހަކަށް ވެރިއަކަށް ނުވެވޭނެ -
ފުރަތަމަ ބައި
|