Updated:Tuesday, 22. January 2008

New Features Added to RMG toolbar

 

 

Search

.

 Links

 Tools

 

ޢަދަދު: 02

20 ޖަނަވަރީ 2008

  Be sure to hit the Refresh button at each new visit.

 

 
spacer

Mobile Edition 

MALDIVES WEB NEWS

 

 
   

20 ޖެނުއަރީ 2008

އަންހެނުންނާއި ސިޔާސަތު:

އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއްތޯ؟

- ޑޮކްޓަރ އަފްރާޝީމް ޢަލީ -

އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ މިއީ ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދޭނެ ސުވާލެކެވެ. ސަބަބަކީ އަލަށް ފާސްކުރަމުންދާ ޤާނޫން އަސާސީގައި ފިރިހެނެކޭ އެއް ގޮތަށް އަންހެނަކަށް ވެސް (އެ މަޤާމު އަދާކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ހުރިހާ ޝަރުޠުތައް ފުރިހަމަވެފައިވާނަމަ) އެ ވަޒީފާ އަދާކުރުމުގެ ޙައްޤު ލިބިދޭކަމަށް ނިންމަވައިފައިވާއިރު ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިން، ޚާއްޞަކޮށް ޢަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިން، މިކަމަށް އިންކާރުކުރައްވައި ދެކޮޅުހައްދަވާތީއެވެ.

މި މައްސަލައިގެ ޝަރުޢީ ދަލީލުތަކަށް ރަނގަޅަށް ވިސްނައިފިނަމަ ސާފުވެގެންދާނެ ޙަޤީޤަތަކީ އެ ދަލީލުތަކަކީ އެއާއިމެދު ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާ ދަލީލުތަކެއް ކަމެވެ. އަދި މިދަލީލުތަކާއިއެކު އިސްލާމް ދީނުގެ ޢާންމު މަޤްޞަދު ތަކަށް ފުންކޮށް ވިސްނައިފިނަމަ އަންހެނުން އެފަދަ ބޮޑަތި މަތީ ވަޒީފާތައް އަދާ ކުރުން މަނާކުރާ ޝަރުޢީ ޤަޠުޢީ އެއްވެސް ދަލީލެއް ނުވާކަން ޔަޤީންވާނެއެވެ. އެހެނީ ޝަރުޢީ މައްސަލައެއްގައި ޢިލްމުވެރިންގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާކަން ޔަޤީންވެއްޖެނަމަ އެހިސާބުން އެމައްސަލާގައި ވާރިދުވެފައިވާ ދަލީލު ތަކަކީ ޤަޠަޢީ ދަލީލުތަކެއް ނޫންކަންވެސް ޔަޤީންވާނެއެވެ.

މި މައްސަލާގައި ޢިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކާއި އެ ދަލީލުތަކަށް ހުށަހެޅިފައިވާ ޖަވާބުތައް ބަޔާންކުރުމުގެ ކުރިން ދަންނަވައިލަން ބޭނުންވާ ބައެއް މުހިންމު ނުކުތާތައް ދަންނަވައިލާނަމެވެ.

1- މާތް ﷲ ގެ ޢަދްލުވެރިކަން:

މާތް ﷲ އިންސާނާ އުފައްދަވާފައި އެ އިންސާނާއަށް އެއްވެސް ވަރަކަށް އެއްވެސް ކަމެއްގައި އަނިޔާވެރިވެ ވޮޑި ނުގަންނަވާނެ ކަމުގައި އެކަލާނގެ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. އެކަލާނގެ ވަޙީ ކުރައްވަނީ "وَلَا يَظْلِمُ رَبُّكَ أَحَدًا" (ސޫރަތުލްކަހުފް: 49). މާނައަކީ: "ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ހަމަ އެކަކަށްވެސް އަނިޔާވެރިވުމުގެ ގޮތުން ކަމެއް ނުކުރައްވާ ހުއްޓެވެ."[1]

2- އިސްލާމް ދީނުގައިވާ ހަމަހަމަ ކަން:

އަންހެނުންނަކީ ހަމަ ފިރިހެނުން ފަދައިން މާތް ﷲ ހައްދަވައިފައިވާ މަޚުލޫޤުންނެވެ. އަންހެން ފިރިހެން ކަމުގެ ތަފާތެއް ނުވާގޮތަށް މީސްތަކުންގެ މެދުގައި މާތް ﷲ ލައްވާފައިވާ ހަމަހަމަކަމަކީ އިސްލާމީ ޝަރީޢަތް އެހެން ހުރިހާ ޤާނޫނުތަކެއްގެ މައްޗަށް ޚާއްޞަކޮށްލެވި ފާހަގަކޮށްލެވޭ އެއްކަމެވެ. މި ހަމައިގެ މަތިން މާތް ﷲ އަމުރުކުރެއްވި ހުރިހާ އަމުރުފުޅެއް ފިރިހެނުންނަށް މުޚާޠަބް ކުރެވިގެންވާފަދައިން އަންހެނުންނަށްވެސް ވަނީ މުޚާޠަބް ކުރެވިގެންނެވެ. މިސާލަކަށް ނަމާދުކުރުމަށް އެކަލާނގެ ކުރައްވާފައިވާ އަމުރުފުޅުގެ ދަށަށް ފިރިހެނުން ވަންނަފަދައިން އަންހެނުންވެސް ވަދެއެވެ. އަދި އޭނާ ނަމާދުކުރުމުން ލިބޭ ޘަވާބުގައިވެސް މި ދެފަރާތްވަނީ ހަމަހަމަކުރެވިގެންނެވެ. ހަމަ ފިރިހެނަކަށް ވީތީ އޭނާގެ ނަމާދުގެ ޘަވާބަށް މާތް ﷲ އެންމެ ޘަވާބެއްވެސް އިތުރެއް ނުކުރައްވާނެއެވެ. ހަމަ އެފަދައިން އަންހެނަކަށް ވީތީ އޭނާގެ ނަމާދުގެ ޘަވާބުން އެންމެ ޘަވާބެއްވެސް މަދެއް ނުކުރައްވާނެއެވެ. ހަމަ އެކަނި އެމީހަކަށް ޘަވާބު އިތުރުވުމާއި ނުވުން ބިނާވެގެންވާނީ އެމީހަކު މާތް ﷲ ގެ މައްޗަށް ބިރުވެތިވީ މިންވަރަކަށެވެ. ތަޤްވާވެރި ވީ މިންވަރަކަށެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ "(އަލްޙުޖްރާތް: 13).  މާނައަކީ: " އޭ މީސްތަކުންނޭވެ! ތިމަން ސުވާމީންގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެއީ އާދަމްގެފާނާއި ޙައްވާގެފާނެވެ.) އަދި ތިމަން ސުވާމީންގެ ތިޔަބައިމީހުން ބައިބަޔަށް ޤަބީލާތަކަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވެ އެނގުމަށެވެ. ހަމަކަށަވަރުން މާތް ރަސްކަލާނގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންގެ ތެރެއިން ތަޤްވާވެރިންނެވެ."[2]

3- މައްސަލަތަކުގައި ޝަރުޢީ ޙުކުމް ކަނޑައަޅާއިރު އަޅުގަނޑުމެން ބަލަން ޖެހޭނީ އެ ޙުކުމެއް ކަނޑައެޅުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ މަޞްދަރު(ސޯސް)ތަކަށެވެ. އެ މަޞްދަރުތަކަކީ އުޞޫލުލްފިޤްހްގައި ޘާބިތުވެފައިވާ ފަދައިން ކީރިތި ޤުރުއާނާއި، އެކަލާނގެ ރަސޫލާގެ ސުންނަތާއި، ދަންނަ ބޭކަލުންގެ ޙަޤީޤީ ޔަޤީނީ އިޖްމާޢެވެ. އޭގެ ފަހުން ޤިޔާޞްއާއި އާދަކާދައާއި އެފަދަ އެހެނިހެން މަޞްދަރުތަކަށެވެ.

ޝަރުޢީ ޙުކުމްތަކާމެދު ވާހަކަ ދައްކާއިރު އެ ވާހަކަ ދައްކާމީހާ މި މަޞްދަރުތަކުން ބޭރުވެ ތިމާގެ ހަވާނަފްސަށް ތަބާވެގެން ނުވާނެ ފަދައިން އެކަމެއްގައި މާބޮޑަށް ޢާޠިފީ (އިމޯޝަނަލް) ވެގެންވެސް ނުވާނެއެވެ.  މިސާލަކަށް: މީހަކު ކިތަންމެ ރުޅިއައިސްގެން އަޑުގަދަ ކުރިނަމަވެސް ނުވަތަ އަނެކަކު ކިތަންމެ ދެރަވެގެން އަޑުން އަޑުނަގައި ރުއިކަމުގައި ވިޔަސް މިއިން އެއްވެސް ކަމަކުން އޭނާގެ މި ޝަރުޢީ ޙުކުމަށް އެއްވެސް އަސަރެއް ކުރިޔަދީގެން ނުވާނެއެވެ. ސަބަބަކީ މީހަކު ޙައްޤު ނޫން ގޮތުގައި ހުރެގެންވެސް އޭނާހުރީ ޙައްޤު ގޮތުގައި ކަމަށް ވަރަށް އަޑުހަރުކޮށް ބުނަމުން ހިނގައިދާނެއެވެ. ހަމަ އެފަދައިން ވަރަށް މަކަރުވެރި ރުއިމަކަށްވެސް ބަދަލުކޮށްލައިފާނެއެވެ. ޔޫސުފްގެފާނުގެ ބޭބެމެން އެކަލޭގެފާނު ވަޅަށް ވައްޓާލާފައި އައިސް އެމީހުން އެންމެންގެ ބައްޕަ ޔަޢުޤޫބުގެފާނުގެ އަރިހުގައި ރޮއި ނުހަދައިތޯއެވެ؟ އަދި ދާއޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނާ ދެބޭކަލުން ޢަދާލަތުގެ ދަރުބާރުގައި ތިއްބަވަނިކޮށް އަންހެނަކުއައިސް އެހެން މީހެއްގެ ކުޑަ ދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމުގެ ދޮގު ދަޢުވާކުރަމުން ރޮއި ނުހަދައިތޯއެވެ؟

ވީމާ، ޝަރުޢީ މައްސަލަތަކުގައި އަޅުގަނޑުމެން އަބަދުވެސް އޭގެ ދަލީލުތަކުގައި ބެދެވެން ޖެހޭނެއެވެ. ފާޑުފާޑުގެ ޝައިޠާނީ ގޮވުންތަކަށް ބޯލަނބާ އިޖާބަދެވިގެން ނުވާނެއެވެ. އެކަމެއްގެ ދަލީލުތަކަށް ބެލުމަކާއިނުލައި އެމީހެއްގެ ހިތަށް ބޮޑަށް ފެންނަ ގޮތަށް ވާހަކަދައްކާ ޙުކުމްތައް ކަނޑަ އަޅައިގެން ނުވާނެއެވެ.

4- މުޢާމަލާތުގެ (ދުނިޔަވީ) ގޮތުން ކުރެވޭ ކޮންމެ ކަމެއްގެ އަޞްލުގޮތަކީ ހުއްދަ ކަމެކެވެ. މުޢާމަލާތުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއްގެ އަޞްލުގޮތަކީ ހުއްދަ ކަމަކަށްވުމޭ ބުނެވޭ ބަހުން ދޭހަކޮށްދޭ މާނައަކީ: އަޅުކަމުގެ ގޮތުން ނޫން ކޮންމެކަމެއް މާތް ﷲ ލައްވާފައިވަނީ ހުއްދަ ކަމެއްގެ ގޮތުގައިކަމެވެ. މާތް ﷲ މި ހުއްދަ ކުރައްވާފައިވަނީ އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައެވެ. މާތް ﷲ ވަޙީ ކުރައްވަނީ:

4.1- هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعاً (އަލް ބަޤަރާ:29). މާނައަކީ: "އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިމުގައި ވާހައި ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ."[3]

މިއިން ދޭހަކޮށްދެނީ ބިމުގައި މާތް ﷲ ލައްވަވާފައިވާ ހުރިހާ އެއްޗެއް އުފައްދަވާފައި އެތަކެތި ހެޔޮގޮތުގައި ބޭނުންކުރުމަށް މާތް ﷲ ހުއްދަކުރައްވާފައިވާކަމެވެ. އަދި މިހަމައިގެމަތިން އެކަލާނގެ ހުއްދަކުރައްވާފާއިވާ އެއްވެސްކަމެއް އެއީ ޙަރާމް ކަމެއް ނުވަތަ މަނާކަމެއްކަން ސާބިތުކޮށްދޭ ޞައްޙަ، ޞަރީޙު ދަލީލެއް ނުވާހާ ހިނދު އެކަމެއް ހިމެނިގެންވާނީ ކުރުން ހުއްދަ ކަންކަމުގެ ތެރެއިންނެވެ.[4]

މުޢާމަލާތުގެގޮތުން ކުރެވޭ ކޮންމެ ކަމަކީ މާތް ﷲ މި ދުނިޔޭގައި ލައްވާ ހުއްދަ ކުރައްވާފައިވާ ކަންކަމުގެތެރެއިން ބައެކެވެ. ސިޔާސީގޮތުން ޤައުމުގެ ވެރިޔަކު އިޚުތިޔާރުކުރުމުގެ ބައި މިތަނާ ގުޅެނީ މި ހިސާބުންނެވެ. ސަބަބަކީ ސިޔާސީ ހުރިހާ ކަމަކީ މުޢާމަލާތުގެ ބައިގެ ދަށުގައިވާ ކަންކަމެވެ.

4.2- ކީރިތި ރަސޫލަ ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. ما أحل الله في كتابه فهو حلال, وما حرم فهو حرام, وكما سكت عنه فهو عفو, فاقبلوا من الله عافيته, فإنّ الله لم يكن لينسى شيئا. وتلا [وما كان ربك نسيّا][5] މާނައަކީ: "މާތް ﷲ އެކަލާނގެ ފޮތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަކީ ހަރާމްކަންކަމެވެ. އަދި އެއްވެސް ޙުކުމެއްކުރައްވާފައި ނުވާ ކަންކަމަކީ މަޢާފު ކުރެއްވުމެކެވެ. ފަހެ މާތް ﷲ ގެ މަޢާފް ކުރެއްވުން ޤަބޫލު ކުރާހުށި ކަމެވެ. އެހެނީ ހަމަކަށަވަރުން  އެކަލާނގެ ދެއްވާފައިވާ މި މަޢާފް ކުރެއްވުމަކީ ހަނދުމަވޮޑިނެތިގެން ދެއްވާފައިވާ ކަމެއް ނޫނެވެ." ދެން ކީރިތި ރަސޫލާ ކިޔަވައިވިދާޅުވީ މަރްޔަމް ސޫރަތުގެ 64 ވަނަ އާޔަތުގެ ފަހު ބައެވެ. މާނައަކީ "އަދި އިނބަ ރަސްކަލާނގެއީ ހަނދުމަ ނެތިކުރައްވައިވޮޑިގެންނުވާ ރަސްކަލާނގެމެއެވެ."[6]

4.3- ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރެއްވިއެވެ. "إنّ الله تعالى فرض فرائض فلا تضيعوها, وخدّ حدودًا فلا تعتدوها, وحرم أشياءً فلا تنتهكوها, وسكت عن أشياءٍ رحمةً لكم غير نسيانٍ فلا تبحثوا عنها".(އަލްޙާކިމް) [7] މާނައަކީ: "ހަމަކަށަވަރުން މާތް ﷲ އިސްލާމް ދީނުގައި ފަރުޟު ކަންތައް ލައްވާފައި ވެއެވެ. އެކަންތައްތައް ވީހާ ރަނގަޅަކަށް އަދާކުރާށެވެ. އަދި ޙައްދުތަކެއް ވެސް ކަނޑައަޅުއްވައިފައި ވެއެވެ. އެއަށް ރައްކާތެރި ވާށެވެ! އަދި ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އެކަންކަމާ ކައިރިވެސް ނުވާށެވެ! އަދި ޙަލާލްކަމާއި ޙަރާމްކަމުގެ އެއްވެސް ޙުކުމެއް ނުކުރައްވައި ކަންތައްތަކެއް ދޫކޮށްލެއްވިއެވެ. އެކަލާނގެ އެކަންކަން އެއްވެސް ޙުކުމަކާއި ނުލައި ދޫކޮށްލެއްވީ މީސްތަކުންނަށް ރަޙުމަތެއްގެ ގޮތުގައެވެ. އެއްވެސް ވަރެއްގެ ހަނދުމަފުޅު ނެތިވެވޮޑިގަތުމަކުންނެއް ނޫނެވެ. ފަހެ އެކަންކަން ޙަރާމްކޮށް، ޙަލާލްކުރަން މަސައްކަތް ނުކުރާށެވެ."

މިޙަދީޘްގެ މާނައަށް ބަލާއިރު މާތް ﷲ ކަނޑައެޅިގެން ވަކި ޙުކުމެއް ނުކުރައްވައި ދޫކޮށްލައްވާފައިވާ ކަންތައްތަކެއް ވެއެވެ. އެކަންތައްތަކަކީ އިސްލާމީ އުންމަތަށް ރަޙްމަތެއްކަމުގައި ލައްވައިފައިވާ ޢަފޫކުރެއްވުމެކެވެ. މާތް ﷲ ޢަފޫކުރައްވާފައިވާ ކަންކަމަކީ ކުރުމާއި ނުކުރުން ހަމަހަމަ ނުވަތަ ކުރުމާއި ނުކުރުމުން އެއްވެސް މައްސަލައެއް ނެތް ކަންކަމެވެ. ޝަރުޢީ ހުއްދަ ކަންކަމަކީ މިއީއެވެ.[8]

އިސްލާމްދީނުގައި މާތް ﷲ ލައްވާފައިވާ ހުއްދަ ކަންކަމަކީ ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުން ހުއްދަ ކުރައްވާފައިވާ ކަންކަމެވެ. އަދި މިކަންކަމުގެ ދަލީލުތަކަކީ ވަރަށް ޞައްޙަ މަގުން ވާރިދުވެފައިވާ އަދި އެހާމެ ޞަރީހަ ޢިބާރާތުން ސާބިތުވެފައިވާ ދަލީލު ތަކެކެވެ. ވީމާ، މިހާ ބާރު ގަދަކޮށް ހުއްދަ ކުރެވިފައިވާ ކަމެއް ޙަރާމް ކުރެވޭނީ ހަމަ އެފަދަ ޞައްޙަ، ޞަރީޙަ ދަލީލެއް ކީރިތި ޤުރުއާނުން ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ ނުވަތަ ތެދުކޮށް ޔަޤީންކޮށް ވެވިފައިވާ އިޖުމާޢަކުންނެވެ. އަދި މި ހުއްދަކަން ޙަރާމްކުރެވޭ ދަލީލަކީ ކިތަންމެ ޞައްޙަކޮށް ސާބިތުވެފައިވާ ދަލީލެއްނަމަވެސް އެ ދަލީލަކީ ޞަރީޙަ (ސާފު) ދަލީލެއް ނޫންނަމަ، ނުވަތަ އެ ދަލީލަކީ ކިތަންމެ ޞަރީޙަ ދަލީލެއް ނަމަވެސް އެ ދަލީލަކީ ޞައްޙަކޮށް ސާބިތުވެފައިވާ ދަލީލެއް ނޫންނަމަ، އަދި އިސްލާމް ދީނުގެ އެންމެ މުޖްތަހިދަކުވެސް އިންކާރުކުރައްވައި، އިޢުތިރާޟުކުރައްވާފައިވާ އިޖްމާޢެއްނަމަ މި ބާވަތުގެ ދަލީލުތަކަކުން މި ހުއްދަކަމަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ދުނިޔެ ނިމެންދެންވެސް އެކަން އޮންނާނީ މާތް ﷲ އުންމަތަށް ރަޙްމަތެއްކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ލައްވާފައިވާ މަޢާފް ކުރެއްވުމުގެ އިމުގެ ތެރޭގައެވެ.[9]

މާތް ﷲ ގެ ޙުކުމްފުޅުތައް ޢިލްމުވެރިންވަނީ މައިގަނޑު ދެބަޔަކަށް ބައްސަވައިލައްވައިފައެވެ. އެއީ އަޅުކަމުގެ ބަޔާއި މުޢާމަލާތުގެ ބައެވެ. އަޅުކަމުގެ ބައޭ ބުނެވޭ ބަހުގެ މާނައީ ނަމާދުކުރުމާއި، ރޯދަ ހިފުމާއި، މިފަދަ، އަޅާއާއި މާތް ﷲއާ ދެމެދު ކުރެވޭ ކަންކަމެވެ. އަދި މުޢާމަލާތުގެ ބައޭ ބުނެވުމުން ދޭހަކޮށްދެނީ މީސްތަކުން އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ކުރެވޭ ކަންކަމެވެ. މީގެތެރޭގައި އިނދެ ވަރި ކުރުމާއި ޢާއިލާގެ ތެރޭގައި ކުރެވޭ ކަންކަމާއި، ވިޔަފާރިއާއި، ޤާޟީކަމާއި ސަރުކާރު ބައްޓަން ކުރުމާއި ވެރިކަމަށް އިސްކުރާނީ ކޮންކަހަލަ ބައެއްކަން ކަނޑައެޅުމާއި އެހެނިހެން ޤައުމުތަކާ މެދު ކުރެވޭ އެގްރިމެންޓްތަކާއި އެހެނިހެން އެއްބަސްވުންތައް ހިމެނެއެވެ. ކުރުކޮށް ދަންނަވާނަމަ އެއީ އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަން ފިޔަވައި ދެން ހުރި ހުރިހާ ކަންކަމެވެ.

އަޅުކަމުގެ ތެރޭގައި ކުރެވޭ ކަންކަމުގެ އަޞްލު ގޮތަކީ ޝަރުޢީ ދަލީލެއްގެ އަލީގައި ނޫނީ އަލަށް އެއްވެސް ކަމެއް ނުފެށުމެވެ. މިސާލަކަށް މީހަކު މާތް ﷲ، އިސްލާމީ އުންމަތަށް ރެއާއި ދުވާލު 5 ނަމާދު ފަރުޟު ކުރައްވާފައި ވަނިކޮށް މާތް ﷲ އާ ބޮޑަށް ކުއްތަންވެ ތަޤްވާވެރި ވުމުގެ ގޮތުން އިތުރަށް ނަމާދެއް ކުރަން ފެށީއެވެ. މިތާނގައި އަޅުގަނޑުމެން އޭނައަށް ޖަވާބު ދޭނީ މި ޤާޢިދާއިންނެވެ. އާދެ! ކުރިން ޢިޝާރާތް ކުރެވިފައިވާ ފަދައިން އަޅުކަމުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއް ކުރެވެން ޖެހޭނީ ޝަރުޢީ ދަލީލެއްގެ އަލީގައެވެ.

މިއާ މުޅިން ޚިލާފަށް، ކުރިން ދެންނެވިފައިވާ މުޢާމަލާތުގެ ބައިގެ އަޞްލު ގޮތަކީ ވީހާ ބޮޑަށް ކަންތައްތައް ފަށަފަށައިގެން ކުރުމެވެ. އެކަމަށް އިންކާރު ކުރާ ނުވަތަ އެކަމެއް ޙަރާމްކުރާ ޝަރުޢީ ޤަޠުޢީ ދަލީލެއް ފާޅު ނުވާހާ ހިނދު އެކަން ހިމެނިގެން ދާނީ އެކަމެއް ކުރުން މާތް ﷲ ހުއްދަ ކުރައްވާފައިވާ ކަންކަމުގެ ތެރެއިންނެވެ. މިސާލަކަށް މީހަކު ބޭނުންވަނީ އޭނާގެ ގެ 10 ބުރިއަށް މައްޗަށް ނަގާފައި އެގޭގެ އެތެރެ ވަކި ގޮތަކަށް ބައްޓަންކޮށް ވަކިކަހަލަ ޚާއްޞަ ގޮތަކަށް އެ، ގެ ޒީނަތްތެރިކުރާށެވެ. މިކަމަކީ ޝަރުޢީގޮތުން ހުއްދަކަމެއްތޯ ނުވަތަ ނޫންތޯ ބަލަން އުޅޭކަށް އޭނާއަކަށް ނުޖެހޭނެއެވެ. ސަބަބަކީ އެބާވަތުގެ ކަންތައްތައް ބޭނުންގޮތަކަށް ބައްޓަންކުރުމަކީ ހުއްދަ ކުރައްވާފައިވާ ކަމަކަށް ވާތީއެވެ.

ހަމަ މިއާ އެއްގޮތަށް ވިޔަފާރީގެ ގޮތުން މިސާލަކަށް މީހަކު ވިޔަފާރި ކުރާނީ ކިހިނެއްތޯއާއި އެކަން ފަށާނީ ކިހާ ރުފިޔާއަކުންތޯއާއި އޭނަ ވިއްކާނީ ކޮންކަހަލަ ތަކެއްޗެއްތޯ، އަދި އޭނަ ބައިވެރިވާނީ ކޮން ބަޔަކާތޯ ބަލާކަށް ނުޖެހެއެވެ. އެއީ މިކަހަލަ ހުރިހާ ކަމަކީ ހުއްދަ ކަންތައްތައްކަމުގައި ލައްވާފައިވާތީއެވެ.

އިސްލާމީ ޤައުމުތަކުގެ މަތީ ވަޒީފާތަކަށް މީހުން އިސްކުރުމުގައިވެސް ތަޢުލީމީ ގޮތުންނާއި، ހިންގުންތެރިކަމުގެ ގޮތުންނާއި، އަޚްލާޤީ ގޮތުން ކަމަށް ޤާބިލް މީހުން އެކަންކަމަށް އިސްކުރުމުގައި ޝަރުޢީ ގޮތުން ހުއްދަ ކަމެއްތޯ ބަލާކަށް ނުޖެހޭނެއެވެ. ސަބަބަކީ މިކަންކަން ވީހާ ރަނގަޅަކަށް ކުރުމަށް އިސްލާމީ ޝަރީޢަތް ހުއްދަ ދެއްވައި އެކަމަށް އަމުރު ކުރައްވާފައިވާތީއެވެ.

އެހެނީ އާދަމް ޢަލައިހިއްސަލާމް މުޅި ދުނިޔޭގެ ޚަލީފާއެއްގެ ގޮތުގައި މާތް ﷲ ލައްވައިފައި، އެކަލޭގެފާނާ ޙަވާލުކުރެއްވި ވަޒީފާއަކީ ދުނިޔެ ޢިމާރާތްކޮށް އާބާދުކުރުމެވެ. ދުނިޔެ އާރާސްތުކޮށް ކުރިއެރުވުމަށްޓަކައި ޚާއްޞަކޮށް އެވަގުތަކީ (ސަލާމްލެއްވި އާދަމުގެފާނު ޚަލީފާއެއް ކަމުގައި ލެއްވުނު ވަގުތަކީ) ވަރަށް ބޮޑަށް، ވަރަށް ގިނަ ކަންތައްތައް މުޅިންހެން އަލަށް ފަށައިގެން ކުރަންޖެހޭނެ ވަގުތެކެވެ. ސަބަބަކީ އެ ވަގުތަކީ ތަރައްޤީގެ ގޮތުން ދުނިޔެ އާރާސްތުވެފައި ނުވާ ދުވަސްވަރަކަށް ވާތީއެވެ.

ވީމާ މާތް ﷲ އާދަމުގެފާނު ޚަލީފާއެއް ކަމުގައި ލެއްވިކަން އިޢުލާންކުރެއްވި އާޔަތުގެ ކުރީ އާޔަތުގައި މި ގޮތަށް ދުނިޔެ ޢިމާރާތްކުރުމުގައި ފަށަފަށައިގެން ކުރަންޖެހޭ ކަންކަމަކީ ހުއްދަ ކަންކަން ކަމުގައި ލެއްވިއެވެ. މި އާޔަތަކީ ކުރިން ބަޔާންކުރެވިފައިވާ ސޫރަތުލްބަޤަރާގެ 29 ވަނަ އާޔަތެވެ. ދުނިޔަވީގޮތުން ކުރަންޖެހޭ ކަންކަމުގެ އަޞްލު ގޮތަކީ ހުއްދަކަމެއް ކަމަށްވާ ފިޤްހީ ޤާޢިދާގެ ޤުރުއާނީ ދަލީލެވެ. އެހެންވީމާ ދުނިޔެ އާރާސްތުކޮށް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގެ އަޞްލު ގޮތަކީ އެކަންކަން ފަށައިގެން ވީހާ ފުޅާކޮށް ރަނގަޅަށް ކުރުމެވެ.

ޙަޤީޤަތުގައި ބޮޑަތި ޢާންމު މަޤާމުތަކަށް މީހުން އިސްކުރުމުގައި ނުވަތަ އިސްވުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ކަމަކީ އަލްއިމާމް އަލް މާވަރްދީ ދެކެވަޑައިގަނަވާފަދައިން ޢިލްމީ ގޮތުންނާއި ހިންގުންތެރިކަމުގެ ގޮތުން އެކަށީގެންވާ ފެންވަރެއްގައި ވުމާއި އިތުބާރުހުރި މީހަކަށް ވުމެވެ. އެހެންކަމަށް ވާނަމަ މިކަންކަމަކީ ފިރިހެނެއްގެ ކިބައިގައި ފުރިހަމަ ވެދާނެ ފަދައިން އަންހެނެއްގެ ކިބައިގައިވެސް ފުރިހަމަވުން އެކަށީގެންވާ ކަންކަމެވެ. (އަލްމާވަރުދީ، އަބުލްޙަސަން، ޢަލީ ބިން މުޙައްމަދު ބިން ޙަބީބު، އަލްއަޙުކާމުއްސުލްޠާނިއްޔާ، ފުރަތަމަ ޗާޕު: 1985، ޞ: 6 – 7، ޒައިދާން، އަބުދުލްކަރީމް، އަޙުކާމުއްޛިއްމިއްޔީން ވަލްމުސްތަޢުމިނީން ވިދާއިލްއިސްލާމް)

ޙަޤީޤަތަށް ދަންނަވާނަމަ ބޮޑެތި މަޤާމުތަކަށް އެކަށީގެންވާ މީހުންނަކީ އެކަމަށް ޤާބިލު (ކޮލިފައިޑް) މީހުންނާއި އަޚުލާޤީ ގޮތުން އިތުބާރުހުރި މީހުންނެވެ. އެ މީހަކަށް ދޭ ވަޒީފާއެއް އަދާކުރާއިރު ޢިލްމީ ގޮތުން އެ ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް އެނގޭ މީހަކަށް ވާންޖެހޭނެއެވެ. ހަމަ މިފަދައިން އިދާރީ ގޮތުން އެކަން ހިންގޭ ފަދަ ހިންގުންތެރި ހުޝިޔާރު މީހަކަށްވެސް ވާންޖެހޭނެއެވެ. ހަމަ އެފަދައިން މަޤާމުތަކުގައި ތިބޭ، ޚާއްޞަކޮށް ބޮޑެތި މަޤާމުތައް އަދާކުރާ މީހުންނަކީ ތެދުވެރި އަމާނާތްތެރި، މަސްއޫލިއްޔަތު އަދާކުރުމުގައި މަކަރާއި ޙީލަތް ނުހަދާ ބަޔަކަށް ވާންޖެހޭނެއެވެ.

އެހެންވީމާ މިމައްސަލާގައި ފިޤްހީގޮތުން ހެދިފައިމިވާ ޢާންމު އުޞޫލުގެ ދަށުން ޤައުމެއްގެ އެންމެ މަތީ ވެރިކަން އަންހެނަކަށް ކުރެވުން އިސްލާމީ ޝަރީޢަތް ހުއްދަ ކުރެއެވެ. އަދި މިކަމަށް އިޢުތިރާޟުކުރާ އެއްވެސް ޝަރުޢީ ޤަޠުޢީ ދަލީލެއް ނުވެއެވެ.

ޝަރުޢީގޮތުން ކަންއޮތީމިހެންނަމަވެސް މުސްލިމުންގެ ބައެއް ޢިލްމުވެރިން މި މައްސަލައިގައި އަންހެނަކަށް އިސްލާމީ ޤައުމެއްގެ އެންމެ މަތީ ވެރިޔަކަށްވުން ހުއްދަ ނުވާނެ ކަމުގައި ދެކެވަޑައިގަންނަވައެވެ. އެބޭފުޅުން މިކަމުގައި ގެންނަވާ ދަލީލުތައް އެއަށް އެންމެ އެކަށީގެންވާ ޖަވާބާއިއެކު ތިރީގައި އ