|
އިންސާނުން
ބިންމަތީގައީ ޚަލީފާވެރިކުރެވިފައިވަނީ ދުނިޔެ
އާރާސްތުކުރާށެވެ. އަމާން ޞުލްޙަވެރި
ދިރިއުޅުމަކަށްފަހު ބާއްޖަވެރި އުޚުރަވީ
ޙަޔާތަކަށް ދިޔުމަށްޓަކައެވެ. އިންސާނާ މި
ބިންމަތީގައި ދިރިއުޅެންވާނީ މި މަޤްޞަދު
ޙާޞިލުކުރުމަށްޓަކައެވެ. ވަކި މަޤްޞަދެއްގައެވެ.
ނަމަވެސް ދިރިއުޅުމުގައި ވަކި މަގްސަދެއް
އޮވެގެން، ވަކި މަންޒިލަކަށް ވާސިލުވޭތޯ
މަސައްކަތް ކުރާމީހެއް މިހާރު ނޫޅޭކަހަލައެވެ.
ކޮންމެ މީހަކުވެސް އުޅެމުން ގެންދަނީ އެއްކަލަ
ދިރިއުޅުމުކެވެ. ވަޒީފާއަކަށް ގޮސް، ކާނެ އެއްޗެއް
ހޯދައި، އުޅޭނެ ތަނެއް ހޯދައި، އާއިލާއެއް
ބެލެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ
ގޮތެވެ. މިކަހަލަ ދިރިއުޅުމެއްގައި އެންމެ ބޮޑު
ސަމާލުކަމެއް ދޭނީ އާމްދަނީ އިތުރުކޮށް ދަރިން
ބޮޑުކުރެވޭތޯއެވެ.
ނަމަވެސް
މުޖްތަމަޢުގައި މި އުޅޭ އުޅުމުގައި އެއްވެސް
މަގްސަދެއް، މާނައެއް ނެތްކަން ބޮޑަށް ހާމަވާނީ
ދިރިއުޅުމުގެ އެހެން ދާއިރާތަކަށް ނަޒަރު
ހިންގައިލުމުންނެވެ. ގިނަ މީހުންނަކީ ވަރަށް
ހަނިކޮށް ވިސްނާ މީހުންނެވެ. ދިރިއުޅުމުގެ
ފުރިހަމަ ބޭނުން ހިފޭތޯ ނުވިސްނާ މީހުންނެވެ.
އެންމެ އެޕިސޯޑެއްވެސް ދޫކޮށްނުލައި ވަކި ޚާއްސަ
ސީރީސް އެއް ބެލޭތޯ އުޅުމާއި، އެހެންނޫނީ މަޝްހޫރު
ފިލްމެއް ބަލައިލެވޭތޯ އުޅުމަކީ ބައެއް މީހުންގެ
ވަގުތުތައް ހޭދަކޮށްލަން އެންމެ ބޭނުންވާ ގޮތެވެ.
އެ މީހުންނަށް އެންމެ އަގުހުރި ގޮތްކަމަށް
ގަބޫލުކުރެވޭ ގޮތެވެ.
އަނެއް ބައެއްގެ
ސިކުނޑިތައް ވަނީ ކޮންމެވެސް ވިޔަފާރިއެއްގެ
ޚިޔާލުން ފުރިފައެވެ. މުޅި ދިރިއުޅުން އެ މީހުން
ހޭދަކުރަނީ ގެއިން އޮފީހަށް، އޮފީހުން ގެއަށް
ދިޔުމުގައެވެ. މީހެއްގެ ޢުމުރުން ވިހީގެ
އަހަރުތަކުގައި ކުރަންފެށި ކަމެއްނަމަ، އޭނާގެ
ޢުމުން ފަސްދޮޅަހަށް އަރައިގެން ދާއިރުވެސް
ހުންނާނީ އެ ކަން ކޮއްލަކޮއްލައެވެ. މި
ދުވަސްވަރު، އޭނާގެ އެންމެ މުހިންމު މަގްސަދުތަށް
ކަމުގައި ވެފައިވާނީ މަހުން މަހަށް ހިސާބުތައް
ނިންމުމާއި ކުލި ދެއްކޭވަރަށް ވިޔަފާރި ކުރެވޭތޯ
ބެލުމާއި އޭނާގެ ދަރިންގެ މުސްތަގުބަލު
ފަހިކޮށްދެވޭތޯ އުޅުމުވެ. ގައުމުގައި ނުވަތަ
ދުނިޔޭގައި ހިނގާ އެއްވެސް ކަމަކީ އޭނާ
ޝައުގުވެރިވާނޭ ކަންކަމެއް ނޫނެވެ. އޭނާގެ
ވިޔަފާރިއަށް އަސަރުކުރާ ކަމަކަށް ނޫނީ އޭނާ
ފަރުވާލެއް ނުބަހައްޓާނެއެވެ. ގައުމުގައި ކޮންމެ
ކަމެއް ހިނގިޔަސް އެކަމަކުން އޭނާގެ ވިޔަފާރިއަށް
އަސަރު ނުކުރާ ނަމަ އޭނާ އެކަމެއް ބަލައިގަންނަނީ
ފަސްޖެހުމަކާ ނުލައެވެ. ވިޔަފާރިއަށް އެއްވެސް
ހުރަހެއް ހުރިނަމަ، ނުވަތަ އޭނާ ހާސްވާކަމެއް
ދިމާވަމުން ދާނަމަ އެ ވާހަކައެއް އެކި ގޮތްގޮތަށް
ފާޅުކޮށް ޢާއްމު ކުރެވޭތޯ ނުނިދައި މަސައްކަތް
ކުރެއެވެ. އެކަމުން އެ މައްސަލަ ހައްލު ނުވިޔަސް
ވެހެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހެއްވެސް
ވަނީ އެއް މަސައްލަ އެއްގައި، އެއްކަމެއް ކުރަން
ޖެހޭ، ތަފާތެއް ނެތް ދުވަހަކެވެ.
ޒުވާނުންވެސް ވަނީ
ވަކި މަގްސަދެއްނެތި ދިރިއުޅުމުގެ ވަބާގައި
ޖެހިފައެވެ. ދިރިއުޅުމަކީ ބޭނުންތެރި، މުހިއްމު
މާނަ ފުން އެއްޗެއް ކަމުގައި ވުމަށް އެންމެ
މުހިއްމު ބަހާތައް ޒުވާނުންގެ ކިބައިގައިވެސް
އަންނަނީ ނެތެމުންނެވެ. ގައުމުގެ ގިނަ
ޒުވާނުންނަށް އަމިއްލަ ގައުމުގެ ވެރިންނަކީ
ކޮންބައެއް ކަމެއް ނޭނގެއެވެ. އެކި އެކި
ވުޒާރާތަކުގައި ތިއްބަވަނީ ކޮންކޮން ބޭފުޅުންނެއް
ކަމެއް ނޭނގެއެވެ. ސިޔާސީ ގޮތުން ގައުމުގައި
ނިންމަމުން ދަނީ ކޮން ކަންތައްތަކެއް ކަމެއް
ބަލާކަށް ބޭނުމެއް ނުވެއެވެ. އެ ނިންމުންތަކުގެ
ސަބަބުން ގައުމުގެ ސަލާމަތަށް ކުރާނެ އަސަރެއް،
ގައުމުގެ އިގްތިސާދަށް ކުރާނެ އަސަރެއް، ގައުމުގެ
ތަޢުލީމީ ދާއިރާއަށް ފޯރާނެ އަސަރެއް، ގާނޫނީ
ދާއިރާއަށް ކުރާނެ އަސަރެއް ނޭނގެއެވެ. އަދި
އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. އެ މީހުންގެ
ވަގުތުތައް ހޭދަކުރަނީ އެއްވެސް އިތުބާރެއް
ނުހިފޭ، ހީތަކުގެ މައްޗަށް ބުރަވެ ވާހަކަ
ދެއްކުމާއި، އެއްވެސް ތާކުން ތާކު ނުޖޭހޭ ކުދިކުދި
ކަންތައްތަކާއި އެއްވެސް ފައިދާއެއް ނުކުރާ
ކަންތައްތަކާ މެދު ވާހާކަދެއްކުމުގައެވެ.
މިހެންވުމުގެ ސަބަބުން ރަނގަޅަށް
ދިރިއުޅުމަށްޓަކައި ލިބެންޖެހޭ އެތައް ހުނަރެއް
ނުލިބެއެވެ. ޒުވާނުންގެ ވާހަކަ އަބަދުވެސް
ބިނާވެފައިވަނީ ކޮންމެވެސް ކޮންޕިއުޓަރ ގޭމެއްގެ
ވާހަކައެއްގެ މައްޗަށެވެ. ނުވަތަ ކޮންމެވެސް
ކުއްޖަކާ "ގުޅާނެ" ގޮތެއް ރޭވުމުގައެވެ. ނޫނީ
ސްކޫލުގައި ހިނގާފައިވާ ތާކުންތާކު ނުޖެހޭ
ވާހަކައެއް ދެއްކުމުގައެވެ. ނޫނީ އިމްތިޙާނެއްގައި
މަކަރު ހަދާނެ ގޮތެއް ހޯދުމަށް ޚިޔާލު
ބަދަލުކުރުމުގައެވެ. ނޫނީ ހަފުތާ ބަންދުގައި
ކުރާނެ ކަމަކާއި ލާނީ ކޮން ހެދުމެއްތޯ އަހައި
މިކަހަލަ ތާކުންތާކު ނުޖެހޭ ކޮންމެވެސް ކަމެއް
ރޭވުމުގައެވެ.
ދިރިއުޅުމުގައި
ކުރަން ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށް ބައެއް
ނޫސް މަޖައްލާތަކުން ސާވޭކުރެއެވެ. މިފަދަ
ސާވޭތަކުން ދައްކާގޮތުން ނަމަ ވަކި މޮޑެލަކާ
އެއްގޮތަށް ހެދުން އެޅުން ނުވަތަ މަޝްހޫރު
ބޭންޑެއްގެ ގިޓަރ ކުޅުންތެރިޔަކު ގިޓަރ ކުޅޭހެން
ކުޅެވޭތޯ އުޅުމަކީ ލިސްޓުގެ އެންމެ ކުރީއަށް
އަންނަ ކަންތައްތަކެވެ.
ދިރިއުޅުމުގައި
އެއްވެސް މާނައެއްނެތި، ދުނިޔޭގައި ލެއްވި އެހެން
ތަކެއްޗާމެދު ޣާފިލުވެ ތިބުމަކީ މުޅި
އިންސާނިއްޔަތައް ހުރި ނުރައްކަލެކެވެ.
މީސްތަކުންގެ މި މަގްސަދެއް ނެތް ދިރިއުޅުމާ
ބެހޭގޮތުން ކީރިތި ގުރުއާނުގައި މާތް ﷲ ވަޙީ
ކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި
އަންގަވާފައިވަނީ މިފަދައިންނެވެ." އެބައިމީހުން
ކައިބޮއި އުޅުމަށާއި ދުނިޔޭގެ އުފާ ލިބގަތުމަށާއި
އަޞްލެއްނެތް ދޮގު އުންމީދުތައް، އެބައި މީހުން
މަޝްޣޫލުކުރުމަށް ކަލޭގެފާނު އެބައިމީހުން
ދޫކޮށްލައްވާށެވެ! އެބައިމީހުން އުޅޭ ގޮތުގެ
ނަތީޖާ ، އަދި ފަހުން އެބައިމީހުންނަށް
އެނގޭނެއެވެ" (ސޫރަތުލް ހިޖްރް: 3)
މިފަދަ ޙާލަތަކުން
ކުރިމަތިވިޔަ ނުދިމަށް ކުރެވިދާނެ ކަންތައްތައް އެ
ބަހުއްޓެވެ. މިގޮތުން ކޮންމެ މީހަކީވެސް
ހަމައެކަނި ތިމާގެ އަމިއްލަ ދިރިއުޅުމުގެ
ކަންތައްތަކާއި، ހަމައެކަނި ތިމާގެ އަމިއްލަ
ބޭނުންތައް ފުއްދޭތޯ އުޅޭ މީހަކަށް ވުމުން
ދުރުވާން ޖެހެއެވެ. އެހެންކަމުން ކޮންމެ
ފަރުދަކީވެސް އެހެން މީހުންނަށް އެހީތެރިވާ
މީހަކަށް ވާންޖެހެއެވެ. ތިމާގެ އަމިއްލަ
ކަންތައްތަކާއި އަމިއްލަ ގައުމުގެ ކަންތައްތައް
ހައްލުވޭތޯ އުޅުމާއެކު ތިމާ ވާންޖެހޭނީ އެހެން
މީހުންގެ ކަންތައްތައް ޙައްލުކުރެވޭތޯ މަސައްކަތް
ކޮށް، ދުނިޔޭގެ މައްސަލަ ތަކާމެދުވެސް ވިސްނާ
މީހެއް ކަމުގައެވެ. އިންސާނިއްޔަތަށްޓަކައި މާތް ﷲ
ހަމަޖެއްސެވި ދީނާއި، އިންސާނިއްޔަތަށްޓަކައި ﷲ
ބާވާއިލެއްވި ކީރިތި ގުރައާނުގައި ވަނީ މި
މުހިއްމު މަގްސަދު ހާސިލުކުރެވޭނެ ގޮތް
ދައްކަވާފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ
އާޔަތެއްގެ މާނައިގައވެއެވެ.
"ފަހެ،
ކަލޭގެފާނުގެ (މުޙައްމަދުގެ ފާނުގެ) ވަޖްހުފުޅު
ޞަޙީޙު ދީނަށް ލެނބިގެންވާ ގޮތުގައި،
ޤާއިމުވެވަޑައިގަންނަވާށެވެ! އެއީ މާތް ﷲ
މީސްތަކުން އެކަމުގެ މައްޗަށް ޚަލްޤުކުރެއްވި
ފިޠުރަތެވެ. މާތް ﷲ ޚަލްޤުކުރެއްވި ގޮތަށް
ބަދަލެއް ނައަންނާނެތެވެ. އެއީ، (އެ ދީނަށް
ޤާއިމުވުމަށް އަމުރުކުރެއްވި) ޙައްޤު ދީނެވެ.
އެކަމަކު ގިނަ މީހުންނަކަށް ނޭނގެއެވެ."
(ސޫރަތުއްރޫމް: 30)
މާތް ﷲ އިންސާނުން
ހެއްދެވި ބޭނުން ވަރަށް ސަރީޚަކޮށް ކީރިތި
ގުރުއާނުގައި އަންގަވާފައިވެއެވެ. މާތް ﷲ
ވަޙީކުރައްވާފައި ވަނީ "ޖިންނީންނާ އިންސީން
ތިމަން ސުވާމީންގެކިބައަށް އަޅުކަންކުރުމަށް
މެނުވީ ނުހައްދަވަމެވެ. " މިފަދައިންނެވެ
(ސޫރަތުއް ޛާރިޔާތު: 56)
ކޮންމެ މީހަކީވެސް
މަރުގެ ރަހަ ދެކޭނެ މީހެކެވެ. މަރުވާނެ މީހެކެވެ.
އެއަށްފަހު އޭނާގެ ހަޤީޤީ ދިރުން ފެށެއެވެ.
ނިމުމެއް، މަރުވުމެއް ނުވާ ގޮތުގައެވެ. މި
ދުނިޔޭގައި އުޅުމުގެ މަގްސަދަކަށް ވާންޖެހޭނީ މާތް
ﷲ ގެ ރުއްސެވުން ހޯދައި، އެ ކަލާނގެ ފުރިހަމަ
ނިއުމަތުގައި ސުވަރުގޭގައި ވޭތޯ މަސައްކަތް
ކުރުމެވެ. ނަރަކައިގެ ވޭންދެނިވި އަޒާބު ނުވަތަ
ސުވަރުގޭގެ އުފާވެރިކަން ލިބުން އޮތީ އެމީހެއްގެ
އީމާންތެރިކަމާއި ޢަމަލާއި އަޚްލާގުގެ މައްޗަށް
ބިނާވެގެންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި،
ތިމާގެ އަމިއްލަ އެދުމާއިގެން، އިންސާނުން
ދުނިޔޭގައި ލެއްވީ މުހިންމު މަގްސަދެއްގައިކަން
ނުދަނެ އުޅޭ މީހުންނަށް ނަސޭހަތްތެރި ވާން އެބަ
ޖެހެއެވެ. ހަދާންކޮށްދިނުމާއެކު، މި ވަގުތީ
ދުނިޔެއަށް ލޯހުޅުވައި ދޭން އެބަޖެހެއެވެ.
އަޅުގަނޑުމެންގެ
ދިރިއުޅުމުގެ ބޭނުމަކީ މާތް ﷲ ގެ ރުއްސެވުން
ހޯދައި، އެ ކަލާނގެ ފުރިހަމަ ނިއުމަތުގައި
ސުވަރުގެ ލިބޭތޯ މަސައްކަތް ކުރުންކަން އެނގޭނަމަ
ވަށައިގެން ދުނިޔޭގައި ހިނގާކަންތައްތަކަށް
ވިސްނުމެއް ފިކުރެއް ނެތި ނޫޅެވޭނެއެވެ. ކޮންމެ
ކަމަކީ، ނުވަތަ ކޮންމެ ހާދިސާއަކީ މާތް ﷲގެ
ރުއްސެވުން ލިބި، ލޯބި ލިބިގަތުމަށް
މަސައްކަތްކުރުމަށް އޮތް ފުރުސަތެއްކަން
ދަންނާނެއެވެ. ކައިރި ހިސާބެއްގައި. ނުވަތަ
ދުނިޔޭގެ އެއްވެސް ހިސާބެއްގައި ބޭއިންސާފާއި
އަނިޔާވެރިކަން ހިނގާތަން ފެންނަ ނަމަ ލޭ ހޫނުވެ،
އެކަމެއް ރަނގަޅު ކުރުމުގެ ޖޯޝު އުފެދޭނެއެވެ.
ގެއެއް ދޮރެއް ނެތި އުޅޭ ޔަތީމުންގެ ޒިންމާ
އުފުލައި ރަނގަޅު ގޮތެއް އެ މީހުންނަށް
ހަދައިދެވޭތޯ އުޅެންޖެހޭނެ ކަމުގެ، ނުވަތަ އެ
ޒިންމާ ނަގަންޖެހޭ ކަމުގެ އިހުސާސު ކުރެވޭނެއެވެ.
މާތް ﷲ ގެ ކަލާމްފުޅުގައި އެ ކަލާނގެ
އަންގަވާފައިވާ ބަސްފުޅަށް ބޯލަނބާނެއެވެ. މާތް ﷲ
އަންގަވާފައިވަނީ މިފަދައިންނެވެ. "ފަހެ
އެހެންކަމުން ކަލޭގެފާނު ޔަތީމާ
ނިކަމެތިކޮށްނުލައްވާށެވެ! އަދި އެހެންކަމުން،
ކަންކަމަށް އެދިގެން، އަންނަ މީހާއާމެދު
ނުރުހުމުގެ ބަސްފުޅެއް ވިދާޅުނވާށެވެ!" (ސޫރަތުއް
ޟުޙާ 9-10)
އެހެން ކަމުން
އަޅުގަނޑުމެން މަޤްޞަދެއް އޮވެގެން ދިރިއުޅޭނަމަ،
މިދެންނެވި ފަދަ މީހުންނަށް ހޭހަންކޮށް ހެޔޮކޮށް
ހިތާނެއެވެ. ދެރަ ގޮތްތައް މެދުވެރިވެފައިވާ
މީސްމީހުންގެ ބޭނުންތައް ފުއްދައިދެވޭތޯ
އުޅޭނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ
ހަގީގަތަކީ ﷲ ގެ މި އަމުރުފުޅަށް މަދު ބައެއް
ބޯލަބާނަމަ، ހާލުގައި އުޅޭ އެންމެންނަށް
ރަނގަޅުގޮތެއް ހަދައި ނުދެވޭނެކަމެވެ. މި
ސަބަބަށްޓަކައި، ކީރިތި ގުރުއާނާއި ރަސޫލާގެ
ސުންނަތުގައިވާ ރަނގަޅު ސިފަތައް އެންމެހައި
މީސްތަކުންނަށް ފެތުރޭތޯ އުޅުމަކީވެސް
ހިއްވަރުލައި ކުރަން ޖެހޭކަމެކެވެ. ދިރިއުޅުން
ވޭތުކުރަންޖެހޭނީ އިންސާނުން މި ދުނިޔެއަށް އައި
މަޤުޞަދު ޙާޞިލުކުރުމަށްޓަކައެވެ.
|