|
ޢިލްމީ ބަޙުސްތަކަކީ އަނެކާގެ ޚިޔާލަށް
އިޙުތިރާމާއެކު ހެކިދައްކައިގެން ލިޔާ
ލިޔުންތަކެވެ. ތިމާގެ ޚިޔާލާ އިދިކޮޅު ކޮންމެ
ލިޔުމެއް ފެންނަ އިރަށް "އަށްޑިހަ ފަހަކަށް"
އެރުމަކީ ޢިލްމީ ލިޔުންތެރިންގެ ގޮތެއް ނޫނެވެ.
މީހަކު ދައްކައިފައިވާ ވާހަކަތަކެއް ދޮގުކުރުމަށް
ބޭނުންވަނީ ރުޅިވެރި ބަސްތަކެއް ނޫނެވެ. ސާބިތު
ހެކިތަކެކެވެ.
ޢިލްމީ ލިޔުމެއް ކަމަށް ބެލެވޭނީ ދިރާސާކުރެވިގެން
ހެކިދެއްކިފައި ހުންނަ ލިޔުންތަކެވެ. މިފަދަ
ދިރާސާތައް ހުންނަންވާނީ ޢިލްމީ މަޞްދަރުތަކަށް
ޙަވާލާދެވިފައެވެ. މި އުޞޫލާ ޚިލާފަށް ތިމާގެ
ޚިޔާލާ އިދިކޮޅު ޚިޔާލެއް ފާޅުކުރާ ކޮންމެ މީހަކާ
ޒާތީގޮތުން ދިމާކޮށް ހެދުމަކީ ޢިލްމީ ބަޔަކު
ޤަބޫލުކުރާނެކަމެއް ނޫނެވެ. ރިއަލިޓީމޯލްޑިވްސްގެ
ފަލްސަފާ އަކީ އަދި ސިޔާސަތަކީވެސް މިއީއެވެ. އަދި
މިފަދަ ޢިލްމީ ކޮންމެ ޚިޔާލަކަށް އަޅުގަނޑުމެންގެ
މި މަޖައްލާ އުފަލާއެކު މަރުޙަބާކިޔާ ވާހަކަ
އަނެއްކާވެސް ތަކުރާރުކޮށްލަމެވެ.
އެހެންވީމާ މި މަޖައްލާގައި ޝާއިޢުކުރާ ދީނީ އަދި
ޢިލްމީ މަޒުމޫނަކަށް ރައްދުދެއްވައި މިދެންނެވި
ފަދަ ޢިލްމީ ގޮތަކަށް ލިޔުއްވާ ލިޔުންތައް ސީދާ މި
މަޖައްލާގައި ޝާއިޢުކުރުމަށް ފޮނުއްވައިދެއްވުމަކީ
ކިޔުންތެރީންނަށާއި އަޅުގަނޑުމެންނަށް އެންމެ
މަންފާހުރި ގޮތްކަން ކަށަވަރެވެ.
އިސްލާމްދީނުގައި އިޚްތިލާފު ހުރުމަކީ
ރަޙުމަތެއްކަން ("إختلافهم
رحمه")
މީސްތަކުންނަށް އަންގައިދީ، މާތް ﷲ ދެއްވި
ބުއްދީގެ ބޭނުންކުރަން މީސްތަކުންނަށް
ދަސްކޮށްދިނުމަކީވެސް ޢިލްމުވެރީންގެ ވާޖިބެއް
ކަމުގައި ނޫނީ ނުވާނެއެވެ.
27
ޖެނުއަރީ 2008
އެޑިޓަރ،
ރިއަލިޓީމޯލްޑިވްސް
|