|
މުސާރަ ބޮޑުވުމާ
ވިދިގެން ތަކެތީގެ އަގު ބޮޑުވާން ފެށުމަކީ މުސާރަ
ބޮޑުވުމުން ލިބުނު އުފާވެރިކަން ހިތާމައަށް ބަދަލު
ކުރުވިކަމެކެވެ. މި ކަމުގެ ސަބަބުން
މުސާރަވެރިންނަށް އިހުސާސްވެގެން ދިޔައީ،
އެމީހުންނަށް ވީ މޮޅެއް، ވީ ފައިދާއެއް ނެތް
ކަމުގައެވެ. މިކަމުގެ ހުރިހާ ފައިދާއެއް
ނުސީދާގޮތެއްގައި މުއްސަނދި ވިޔަފާރިވެރިން
ހޯދަމުން ދާކަމުގައެވެ.
ވިޔަފާރިވެރިންނަށް ހިތްކުޑައިކުރުމުގެ ކުރިން،
ނުވަތަ ސަރުކާރުން މުސާރަ ބޮޑުކުރީ ރޭވުމެއްގެ
ދަށުން މުއްސަދިންނަށް ގިނަ ފައިސާ
ހޯދައިދުނުމަށްކަމަށް ބުނުމުގެ ކުރިން،
ވިޔަފާރިވެރިންގެ މި ނިންމުމަކީ މުސާރަވެރިންގެ
ފައިސާތައް ދަމައިގަތުމަށް ކުރި ކަމެއްތޯ ނުވަތަ
މިނިވަން އިގްތިސާދެއްނަމަ ވާނެ ގޮތްތޯ
ވިސްނައިލުމަކީ މުހިންމު ކަމެކެވެ.
ގައުމެއްގައި ލިބެންހުންނަ މުދަލުގެ ނިސްބަތަކީ
ކުއްލިއަކަށް އިތުރުކުރެވޭނެ އެއްޗެއް ނޫނެވެ.
މުދާ އިތުރުކުރުމަށް، މުދާ އުފެއްދުމަށް، ނުވަތަ
މުދާ އެތެރެ ކުރުމަށް ވަގުތު ބޭނުންވެއެވެ.
ނަމަވެސް މުސާރަ ބޮޑުކޮށްލުމަށް ބޭނުންވާ
މުއްދަތަކީ ނިސްބަތުން ކުރު މުއްދަތެކެވެ.
އިގްތިސާދީ ނަޒަރަކުން މި ހާލަތާ މެދު
ވިސްނައިލާނަމަ، މިވަނީ ބައިވަރު ފައިސާތަކެއް,
މަދު މުދާތަކެއްގެ ފަހަތުން ދުވަން ފަށާފައެވެ.
އިޤްތިޞާދީ
މާހިރުން މި ބާވަތުގެ އިންފްލޭޝަން އަށް
ވިދާޅުވަނީ މިއީ "ޑިމާންޑް ޕުލް އިންފްލޭޝަން"
ކަމުގައެވެ. އިޤްތިސާދީ ނަޒަރަކުން "ޑިމާންޑް" ގެ
މާނައަކީ އެއްޗެއް ގަތުމަށް މީހެއް ބޭނުންވުމުގެ
އިތުރުން އެ މީހެއްގެ ކިބައިގައި އެ އެއްޗެއް
ގަތުމުގެ ގާބިލުކަންވެސް ހުރުމެވެ. އެހެންކަމުން،
މުސާރަ ބޮޑުވުމުން، މި ގާބިލުކަން އިތުރުވެއެވެ.
އަދި، ތަކެތި ނެތްވަރަށް ތަކެތި ގަތުމަށް މީހުން
"ޑިމާންޑް" ކުރަން ފެށުމުން އަގުތައް އުފުލެން
މެދުވެރިވަނީއެވެ.
މީގެ އިތުން،
ސަރުކާރުންނާއި ޢާއްމު ވިޔަފާރިވެރިން ވަރުގަދަ
ޕްރޮޖެކްޓްތައް ފަށައި، ގިނަ ފައިސާތަކެއް
ޚަރަދުކުރާނަމަ އެއީވެސް އިންފްލޭޝަން އައުން
އެކަށީގެންވާ ސަބަބަކެވެ. މިގޮތުން 2006 ގެ
ފަހުކޮޅުން ފެށިގެން ރާއްޖޭގައި ސަރުކާރުން ވަނީ
ރިސޯޓްތައް ތަރައްޤީ ކުރަން ކުރިއަށްވުރެ ގިނައިން
ދޫކޮށްފައެވެ. ސުނާމީއާއި ގުޅިގެން ތަފާތު އެކި
ޕްރޮޖެކްޓްތައް ދަނީ ކުރިއަށެވެ. އެހެންކަމުން،
މިއީވެސް ރާއްޖޭގައި އަގުތައް އުފުލެން މެދުވެރި
ވެދާނެ ސަބަބަކެވެ.
ނަމަވެސް، މިހާރު
އަގުތައް އުފުލެމުން މިދާ ސަބަބެއްކަމަށް ގިނަ
މީހުން، ވަކިން ޚާއްސަކޮށް ވިޔަފާރިވެރިން
ވިދާޅުވަނީ، ތަކެތީގެ އަސްލު އަގު ބޮޑުވުމެވެ.
ތަކެތި އުފައްދަން ދާ ޚަރަދު ބޮޑުވުމެވެ. އެ
ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ތެލާއި ގޭހަކީ
ހުރިހާ އެއްޗެއް އުފެއްދުމަށް ބޭނުން ކުރާ
އެއްޗެކެވެ. މިހާރު ތެލުގެ އަގު އަތް ނުފޯރާފަށަށް
ބޮޑުވުމުން ހުރިހާ އެއްޗެއްގެ އަގު ބޮޑުކުރަން
ޖެހެނީއެވެ. އެހެންކަމުން، އެ ބޭފުޅުންނަށްވެސް
ކޮންމެވެސް ފައިދާއެއް އޮންނަންވާނެ ތާއެވެ.
އިޤްތިޞާދީ
މާހިރުން މިފަދަ އިންފްލޭޝަންއަށް މި ވިދާޅުވަނީ
މިއީ "ކޮސްޓް ޕުޝް އިންފްލޭޝަން" ކަމުގައެވެ.
އެހެނީ ތަކެތި އުފެއްދުމަށް ދާ ޚަރަދު ބޮޑުވުމުގެ
ސަބަބުން، އެ އަގު ކަސްޓަމަރުން އަދާކުރާން
ޖެހެނީއެވެ. ވިޔަފާރިވެރިންނަށް އެހެން އަގެއްގައި
ވިއްކެން ނޯންނަނީއެވެ.
ރާއްޖޭގެ ޙާލަތަށް
ވިސްނައިލާއިރު، އިންފްލޭޝަން އެއީ ހަޤީޤަތެއް
ކަމަށްވާނަމަ، ރާއްޖެ މިވަނީ އެކަން ފެންނަންޖެހޭ
ހިސާބުގައެވެ. ޢާއްމުންގެ މުސާރަ މިވަނީ
ބޮޑުވެފައެވެ. ވަރުގަދަ ޕްރޮޖްކްޓްތައް ދަނީ
ކުރިއަށެވެ. ތެލުގެ އަގު މިވަނީ އިންތިހާއަށް
އުފުލިފައެވެ.
ވިސްނައިލަންޖެހޭ
ހަޤީޤަތަކީ، ކޮންމެވެސް ވަރެއްގެ އިންފްލޭޝަން
އަކީ އޭގެ ފައިދާތަކެއްވެސް ހުރި އެއްޗެއް
ކަމުގައެވެ. ރަނގަޅު އިޤްތިޞާދީ ސިޔާސަތެއް
އޮތްކަމުގައިވާނަމަ، ދިގު މުއްދަތަކަށް
ވިސްނައިލާއިރު، ދަށް މިންވަރެއްގެ، ކުޑަ
އިންފްލޭޝަނަކީ މައްސަލައެއްނޫންކަމަށާއި، އެއީ
ފައިދާހުރި ޙާލަތެއް ކަމަށް އިގްތިސާދީ މާހިރުން
ވިދާޅުވެއެވެ. ނަމަވެސް، ސަރުކާރުން ކުރާ
ޚަރަދުތައް ކުރަނީ ފައިސާ އިތުރަށް ޗާޕުކޮށްގެން
ކަމުގައިވާނަމަ، އެއީ އިތުރަށް ވިސްނައިލަން ޖެހޭ
ކަމެކެވެ. ޢާއްމުންގެ ފެންވަރުގައާއި، ސިޔާސަތު
ކަނޑައަޅާ ބޭފުޅުންގެ ފެންވަރުގައިވެސް މެއެވެ.
ޙަވާލާ:
1. ވިކިޕިޑިއާ
2. ޓިޔުޓަރ2ޔޫ
|