|
އަޅުގަނޑުމެން ދިވެހިބަހުން ލިޔާ ލިޔުންތަކުގައި
ބޭނުންކުރާ ލަފުޒުތަކުގެ މާނައަކީ ދިވެހިބަހުން
އެލަފުޒުގެ މާނައެވެ. ދިވެހިބަހުގެ ލަފުޒެއް ކިޔާ
ގޮތަށް އެހެން ބަހަކުން ލަފުޒެއް ކިޔަސް އަދި އެ
ލަފުޒެއްގެ މާނަ އެހެން ބަހަކުން އެހެން ގޮތަކަށް
އޮތަސް އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް
ނޫނެވެ. މިސާލަކަށް "މަކާން" މި ލަފުޒަކީ މެލޭ
ބަހުގައި ކެއުމަށް ބޭނުންކުރާ ލަފުޒެއް ކަމަށް
ވިޔަސް ޢަރަބި ބަހުގައި
مَكَان
ގެ މާނައަކީ ތަންތަނެވެ. ނުވަތަ ދިރިއުޅޭގެޔެވެ.
ނުވަތަ މިފަދަ އެހެން މާނައެކެވެ. ކޮންމެއަކަސް
ކެއުމުގެ މާނައިގައި مَكَان މި ލަފުޒު
ޢަރަބިބަހުގައި ބޭނުންކުރާކަމަކަށް އެބަސް
ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅެއް ނުވެއެވެ.
ބަނގްލާދޭޝް ބަހުން "ގޮރު" ކިޔަނީ ގެރިއަށް ކަމަށް
ވިޔަސް ދިވެހިބަހުން އޭގެ މާނަ ވަރަށް ތަފާތެވެ.
ދިވެހިބަހުން "މަނާ"ގެ މާނައަކީ
"ހުއްދަނެތުން"ކަމަށް ވިޔަސް މެލޭބަހުގައި އެއީ
ސުވާލުގެ ލަފުޒެއް (ކޮންތާކަށް) ކަމަށް މެލޭބަސް
ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.
މިގޮތުގެ މަތީން
ވިސްނާއިރު، ދިވެހި ބަހުގައި އޮންނަ "ޖަދަލު" ގެ
ހަމައެކަނި މާނައަކީ "ދެކޮޅުވެރިކަމުގެ ޒުވާބު"
ކަމަށް ބަސް ފޮތުގައިވެއެވެ. "ޒުވާބު"ގެ އެންމެ
ޢާއްމު ތިން މާނައަކީ "ޖަދަލު" ނުވަތަ
"ދެކޮޅުވެރިކަމުގެ ގޮތުން ދެފަރާތުން ރައްދުކުރާ
ބަސް" ކަމަށާއި ނޫންނަމަ "ދެ މީހަކު ނުވަތަ ގިނަ
ބަޔަކު ވާ އަރައިރުން" ކަމަށް ދިވެހި ބަސްފޮތުގައި
ވެއެވެ. (ދިވެހިބަސްފޮތް 2006). މި މާނަތަކަށް
ބަލާއިރު، މިއިން އެއްވެސް ކަމަކީ ބުއްދީގެ
ހަމައިން ބަލާއިރު ޢިލްމީ ބަޔަކު
ކުރާނެކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ
ދެކޮޅުވެރިވުމާއި އަރައިރުންވުމަކީ ތަހުޛީބު
ބަޔެއްގެ ތެރޭގައި އޮވެގެން ވާނެ ކަންކަމެއް
ނޫނެވެ.
ދިވެހިބަހުގައި އޮންނަ "ޖަދަލު" މި ލަފުޒަކީ އޭގެ
އަޞްލުގައި ޢަރަބި ބަހަކަށް ("جدل") ވިޔަސް މިހާރު
އެއީ ދިވެހި ބަހުގެ ރަދީފުން ޖާގަ ހޯދައިފައިވާ
ދިވެހި ލަފުޒެކެވެ. އެހެންވީމާ، އެ ލަފުޒުގެ މާނަ
ޢަރަބިބަހުން ކުރާ ގޮތް ބެލުމަކީ ދިވެހިބަހުގެ
އަހުލުވެރީންނަށް ދިވެހިބަހުން (އަދި ތާނަ
އަކުރުން) ލިޔާ ލިޔުމެއްގައި ވިސްނަންޖެހޭނޭ
ކަމެއްކަމަކަށް "ރިއަލިޓީމޯލްޑިވްސް" ޤަބޫލެއް
ނުކުރެއެވެ. ޢަރަބި ބަހުގެ ރަދީފުތަކުގައި
ބަޔާންކޮށްފައި ހުންނަ ގޮތުން، "جَدَل" މިލަފުޒާ
ހަމަ އެއްކަހަލަ މާނައެއްގައި ، اِسْتِدْلال,
مُنَاظَرَة, مُنَاقَشَة, مُذَاكَرَة, تَفَاوُض
ފަދަ ކިތަންމެ ކިތަންމެ ލަފުޒެއް ހުންނަ ކަމަށް
ވިޔަސް އެކަމަކާ އަޅުގަނޑުމެން (ދިވެހިބަހުގެ
އަހުލުވެރިން) ވިސްނާކަށް ނުޖެހެއެވެ. އަދި ޢަރަބި
ބަހުގެ މިފަދަ ލަފުޒުތަކަކީ އިނގިރޭސިބަހުގައި
ބޭނުންކުރާ
argumentation
ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް
ވެފައި
argument
ގެ މާނައިގައި ޢަރަބި ބަހުން جِدَال, خِصَام,
حِجاج, نِقَاش, مُشَاجَرَة, مُنَاقَشَة ފަދަ
ކިތަންމެ ލަފުޒެއް ބޭނުންކުރިޔަސް އެކަމާ
އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހެއެވެ. އަދި
ކޮންމެވެސް ކަމަކަށް ތާއީދުކޮށް ސަބަބު
ދެއްކުމަށްޓަކައި بُرْهان, حُجَّة ފަދަ
ލަފުޒުތަކަކީ ހަމަ
argument
ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް
ވިޔަސް އަޅުގަނޑުމެން (ޢަރަބިބަހާއި އިނގިރޭސިބަސް
ނުދަންނަ ދިވެހިން) މިކަންކަމަކަށް
ނުވިސްނާނެއެވެ. ވިސްނާކަށް ނުވެސްޖެހެއެވެ.
ކަން އޮތީ މިހެން ކަމަށް ވިޔަސް ޖަދަލުކުރުމަށް
އިސްލާމްދީން ގޮވައިލާކަމަށް ބުނެ ބުއްދި
ޤަބޫލުނުކުރާ ދޮގު ފަތުވާތައް ބައެއް ފަރާތްތަކުން
ނެރޭކަމީ ހިތާމަހުރިކަމެކެވެ. ކީރިތި ޤުރުއާނުގައި
ޖަދަލުކުރުމަށް އަމުރުއައިސްފައިވާ ވާކަމަށް
މީހަކު ބުނާނަމަ އެހެންބުނާނީ ދިވެހިބަހުގައި
"ޖަދަލު"ގެ މާނަ އެނގިވަޑައިނުގަންނަވާތީއެވެ.
ނުވަތަ ވިސްނުމުގެ ދާއިރާ ހަނިކަމުންނެވެ. ޢިލްމު
ފެތުރުމުގެ ވާސިޠާއަކީ ބަހެވެ. އިސްލާމްދީނުގެ
މަޢުލޫމާތު ކިތަންމެ މޮޅަށް އެނގިވަޑައިގެންފައި
ވިޔަސް ދިވެހި ބަހުން އެ މަޢުލޫމާތު މީސްތަކުންނާ
ހަމަޔަށް ބަލާޣާތްތެރިކަމާއެކު ފޯރުކޮށްދެވޭނީ
ބަސް އެނގިގެންނެވެ. ދިވެހި ބަހުގައި "ޖަދަލު"ގެ
މާނައާއި ޢަރަބި ބަހުގައި "جدل" ގެ މާނަ އަކީ
ކޮބައިކަން އިސްވެ ދެންނެވިފައި އެވަނީއެވެ.
ކީރިތި ޤުރުއާންގައި ޖަދަލުކުރުމަށް
އަމުރުކުރައްވައިފައިވާކަމަށް ދޮގު ފަތުވާ
ދޭބަޔަކު ދެނީ، ކީރިތި ޤުރުއާނުގެ سورة النحل ގެ
125 ވަނަ އާޔަތުގައި އޮންނަ جَادِلْهُم މި ކަލިމަ
އަށް އިޝާރާތްކޮށްގެންނެވެ. އެ އާޔަތުގައި މާތް ﷲ
ވަޙީކރައްވައިފައިވަނީ "ادْعُ إِلِى سَبِيلِ
رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ
الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ
"(سورة النحل: 125) އެކަމަކު މި އާޔަތުގައި މި
އޮންނަ جَادِلْهُم ގެ މާނައަކީ އަރައިރުންވެ
ގެރިޒުވާބުކޮށް ހަމަނުޖެހުން އުފައްދާ ވާހަކައެއް
ނޫނެވެ. މި ފަދަ ކަމަކަށް އިސްލާމް ދީން
އަމުރުކުރާކަމަށް މުސްތަޝްރިޤުންވެސް ބުނާނެހެނެއް
ހީޔެއް ނުވެއެވެ. އެއީ ޞުލްޙައާއި އަމާންކަމުގެ
ދީނުގައި އޮންނާނެ ކަމެއް ކަމަކަށް ހެޔޮ ވިސްނޭ
މީހަކު ޤަބޫލެއް ނުކުރާނެއެވެ. މިތާނގައި
جَادِلْهُم ގެ މާނައަކީ "ރީތި މަގުން
ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް
ޤާއިމުކުރުމެވެ. މި އާޔަތުގެ މުޅި މާނައަށް
ބަލައިލަމާތޯއެވެ؟ މި އާޔަތުގެ މާނައަކީ
"ޙިކުމަތްތެރިކަމާއި އަދި ރީތި ވަޢުޡުން
ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ
މަގަށް (ދީނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ!
އަދި ރީތިމަގުން އެބައިމީހުންނާއި ކަލޭގެފާނު
ވާހަކަދައްކަވައި ހެކިދައްކަވައި އުޅުއްވާށެވެ!"
އެހެންވީމާ جَادِلْهُم ގެ މާނައަކީ "ރީތި މަގުން
ވާހަކަދައްކައި ހެކިދެއްކުން" ކަން ކިތަންމެ
ރީތިކޮށްވެސް އެބަ އެނގެއެވެ. (ނޯޓް: މި އާޔަތުގެ
މާނަ އަޅުގަނޑު ނަކަލުކޮށްފައި މިވަނީ ހިޖުރައިން
1395 ވަނަ އަހަރު މުޙައްރަމް މަހު ފުރަތަމަދުވަހު
(14 ޖެނުއަރީ 1975ގައި) ދިވެހި ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
ޝާއިޢުކުރައްވައިފައިވާ "ކީރިތި ޤުރްއާނު ގެ
ދިވެހި ތަރުޖަމާ"ގައި ވާ ގޮތަށެވެ.)
އެހެންވީމާ ރިއަލިޓީމޯލްޑިވްސްގެ އެޑިޓޯރިއަލްގައި
"ޖަދަލުކުރުމަކީ ޢިލްމުވެރިންގެ ކަމެއްނޫން"
ކަމަށް ކުރީ ޢަދަދެއްގައި ބަޔާންކޮށްފައި އެވަނީ
ޖަދަލުކުރުމުގެ ދިވެހި މާނައިގައެވެ. އެއީ
އޮޅިގެން ލިޔުނު ވާހަކައެއް ނޫނެވެ.
"ރިއަލިޓީމޯލްޑިވްސް" ޤަބޫލުކުރާ ގޮތުގައި ޢިލްމީ
ގޮތުން ކަންކަމާ ބަހުސްކުރުމާއި މީހުންދައްކާ
ވާހަކަތަކާއި ލިޔާ ލިޔުންތަކަށް ޢިލްމީ ގޮތުން
"ރީތި މަގުން ވާހަކަދައްކައި ހެކިދެއްކުމަކީ"
ކުރަންޖެހޭނެކަމެކެވެ. އެކަމަކު ޖަދަލުކޮށް
އަރައިރުންވެ، ގެރިޒުވާބުކުރުމަކީ ޢިލްމީ ބަޔަކު
ކުރާނެ ކަމެއް ނޫނެވެ. އަދި މުސްލިމަކު
ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެއީ ތަހުޒީބު
މުޖްތަމަޢަކުން ބަލައިގަންނާނެ ކަމެއްވެސް ނޫނެވެ.
ޖާހިލުންގެ ޖަދަލުކުރުންތަކަށް ރައްދު
ނުދިނުމަށްވެސް އިސްލާމް ދީނުގައި ވަނީ
އަންގަވައިފައެވެ. سورة الفرقان ގެ 63 ވަނަ
އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ الَّذِينَ
يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا
خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا
މިފަދައިންނެވެ. ހިޖުރައިން 1395 ވަނަ އަހަރު
މުޙައްރަމް މަހު ފުރަތަމަދުވަހު (14 ޖެނުއަރީ
1975ގައި) ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ޝާއިޢުކުރައްވައިފައިވާ "ކީރިތި ޤުރްއާނު
ގެ ދިވެހި ތަރުޖަމާ"ގައި މިއާޔަތުގެ މާނަކަމުގައި
ލިޔުއްވައިފައިވަނީ އަންނަނިވި ގޮތަށެވެ. "އެބައި
މީހުންނަކީ މައިތިރިކަމާއެކު ބިމުގައި ހިނގައި
އުޅޭ މީހުންނެވެ. ޖާހިލުން އެބައިމީހުންނާ
ކުރިމަތިކޮށް ވާހަކަދައްކައިފި ހިނދަކު
އަމާންކަމާއެކު ސަލާމޭ ބުނެތެވެ.(އެބަހީ، ޖާހިލުން
އެބައިމީހުންނާ މެދު ހުތުރު ބަސްތައް ބުނެ،
ނުރަނގަޅުކަންތައް ކުރުމުން އޭގެ ބަދަލުގައި، ރުޅި
ނައިސް، އޯގާވެރި ބަސްތައް ބުނެތެވެ.)"
ކީރިތި ޤުރުއާން ޢިލްމުވެރިން
ޝަރަޙަކުރައްވައިފައިވާ ގޮތަށް ބަލާއިރު، ދީނަށް
ގޮވައިލާން ޖެހެނީ ޙިކުމަތްތެރިކަމާއި އަދި ރީތި
ވަޢުޡުންނެވެ. އަދި ރަނގަޅަށް މީހުންނަށް
ވިސްނައިދިނުމަށްޓަކައި ކުރަންޖެހޭ ކަމަކީ
ރީތިމަގުން އެފަދަ މީހުންނާ ވާހަކަދައްކަވައި
(ނުވަތަ ލިޔުމުންނަމަވެސް) ހެކިދެއްކުމެވެ.
ޖަދަލުކުރުމެއް ނޫނެވެ. މިގޮތުން ދައްކާ ވާހަކަ
ނާހައި ޖަދަލުކޮށް ހުތުރުބަސްތައް ރައްދުކުރާ
ޖާހިލުންނަށް ރައްދު ނުދީ "ގުޑްބައި" ކިޔައިފައި
(سَلَام އޭ ބުނެފައި) ހިނިތުންވުމާއި
އޯގާވެރިކަމާއެކު ދުރަށް ދިޔުމަށް ވުރެ މޮޅުގޮތެއް
ނެތްކަމެވެ. އެއްވެސް ޙާލެއްގައި ޖަދަލުކުރުމަކީ
ޢިލްމީ އުޞޫލެއްނޫނެވެ. ތަކުރާރުކޮށް ވެސް
ދަންނަވަން އޮތީ ޢިލްމީ އުޞޫލަކީ "ރީތި މަގުން
ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް
ޤާއިމުކުރުމެވެ. ޖަދަލުކުރުމަކީ ދެކޮޅުވެރިކަމުގެ
ގޮތުން ވާ އަރައިރުމެވެ. މިއީ ތަހުޒީބު ބަޔަކު
ކުރާނެ ކަމެއް ނޫނެވެ.
ޙަވާލާ: ކީތިރި ޤުރުއާން
ކީރިތި ޤުރްއާނުގެ
ދިވެހި ތަރުޖަމާ
ވާރބްއޭސް2008
(ޢަރަބް= އިންގްލިޝް ޑިކްޝަނަރީ)
އަލްމުޞްޙަފު ފޮރ ޑެސްކްޓޮޕް، ވަރޝަން 1.0، ހާރފް
އިންފޮރމޭޝަން ޓެކްނޮލޮޖީ
ދިވެހިބަސްފޮތް 2006، ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީމަރުކަޒު
|